ބޮބަށް ތާއީދުކޮށް ފޮރިން މިނިސްޓްރީން ޓްވީޓްކޮށްފި!
ބޮބަށް ތާއީދުކޮށް ފޮރިން މިނިސްޓްރީން ޓްވީޓްކޮށްފި!

މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ތަސްނީމް (ބޮބް) އަށް ތާއީދުކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ޓްވީޓެއްކޮށްފި އެވެ.

އެކަމަކު ޓްވީޓާ ބެހޭ ގޮތުން ސުވާލުކުރުމުން އެ މިނިސްޓްރީންގެ މީޑިއާ ބޭފުޅަކު ވިދާޅުވީ "އެއީ އޮޅިގެން ކުރެވުނު ކަމެއް" ކަމަށެވެ.

ފޮރިން މިނިސްޓްރީގް ޓްވިޓާ އެކައުންޓުން ބޮބަށް ތާއީދުކޮށް ޓްވީޓްކުރީ ރޭ މޯލްޑިވިއަން އައިޑޮލް ދައްކަމުން ދިޔަ ގަޑީގަ އެވެ. އެ ޓްވީޓުގައި ބުނެފައިވަނީ ބޮބް ހުށަހަޅާފައިވަނީ އައިޑޮލްގެ އެއް ވަނަ ހައްގު ހުށަހެޅުމެއް ކަމަށާއި ބޮބަކީ އައިޑޮލް ކަމަށެވެ.

ނަމަވެސް އެ ޓްވީޓް ކުރިތާ މަ ގިނަ އިރެއް ނުވަނީސް ވަނީ ޑިލީޓްކޮށްފަ އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޓްވީޓްގެ މައްސަލަ އެނގުމުން ވަގުތުން ޑިލީޓްކުރި ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީގެ ޓްވިޓާ އެކައުންޓަށް މޯލްޑިވިއަން އައިޑަލްގެ ލަވަކިޔުންތެރިއެއްގެ ވާހަކަ އައީ ކީއްވެގެންކަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.

ފޮރިން މިނިސްޓްރީގެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ފައިނަލް މިރޭ އޮންނައިރު ގަދަ ތިން ބައިވެރިންގެ ތެރޭގައި ހިމެނެނީ ބޮބްގެ އިތުރުން ހަމޫދު އަހުމަދާއި ޝަމްވީލް މުހައްމަދު (ބޮރޯ) އެވެ.