13 މެއި 2017 - 17:23

ހެލްސިންކީ (މެއި 13) - ފިންލެންޑުގައި ވަޒީފާ އަދާ ނުކުރާ މީހުންނަށް ސަރުކާރުން ކޮންމެ މަހަކު ވެސް މުސާރަ ދިނުމަށް ހިންގާ ޕައިލެޓް ސްކީމް ކާމިޔާބު ކަމަށާއި އޭގެ ސަބަބުން މީހުންގެ ސްޓްރެސް ލެވެލް ދަށްވެފައިވާ ކަމަށް މި ސްކީމް ހިންގުމުގައި އުޅޭ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޔޫރަޕުގައި ވެސް އަލަށް ފެށި މި ސްކީމުގެ ދަށުން ފިންލެންޑުގެ 2،000 މީހަކަށް ކޮންމެ މަހަކު ވެސް 560 ޔޫރޯ ދެ އަހަރު ވަންދެން ދޭނެ އެވެ. މި ފައިސާ ލިބޭ މީހުން ވަޒީފާއެއް ހޯދަން މަސައްކަތް ކުރޭތޯ ނުވަތަ ފައިސާ އެ މީހުން ހޭދަކުރާ ގޮތް ރިޕޯޓް ކުރާކަށް ނުޖެހެ އެވެ. ފައިސާ ލިބޭ މީހުންނަށް ވަޒީފާއެއް ލިބުނު ނަމަވެސް ދެ އަހަރުގެ މުއްދަތުގައި ސަރުކާރުން ދޭ ފައިސާ ލިބޭނެ އެވެ.
ފިންލެންޑުގެ ސޯޝަލް އިންޝުއަރެންސް އެޖެންސީގެ ލީގަލް ޔުނިޓުގެ ވެރިޔާ މަރްޖުއްކާ ޓުރޫމަން ވިދާޅުވީ ފަގީރު ހާލަތު ދަށް ކުރުމުގެ އިތުރުން މި ސްކީމުގެ ސަބަބުން މީހުންގެ ސިކުނޑި އަށް ހެޔޮ އަސަރު ކުރާ ކަމަށެވެ.
މިއީ ފިންލެންޑުގައި ވަޒީފާ ނެތް މީހުންގެ އަދަދު ދަށް ކުރުމުގެ ބޭނުމުގައި އެ ގައުމުގެ ސެންޓަ-ރައިޓް ސަރުކާރުން ތައާރަފް ކުރި ސްކީމެކެވެ. ނޮވެމްބަރު މަހުގެ ނިޔަލަށް ފިންލެންޑުގައި ވަޒީފާ އަދާ ނުކުރާ މީހުންގެ ނިސްބަތަކީ 213،000 އެވެ. ފިންލެންޑުގެ ޕްރައިވެޓް ސެކްޓާގެ އެވްރެޖް މުސާރަ އަކީ މަހަކު 3،500 ޔޫރޯ އެވެ.
ކެނެޑާގެ އެންމެ ބޮޑު ޕްރޮވިންސް، އޮންޓާރިއޯގައި އެޕްރީލް މަހު ވަނީ މިފަދަ މުސާރަ ސްކީމެއް ފަށައިފަ އެވެ.