14 މެއި 2017 - 06:04

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ބޭވޮޗް" ރިލީޒް ކުރަން ކުޑަތަން ވަމުން އަންނަނިކޮށް، އޭނާ ހޮލީވުޑްގެ އިތުރު ފިލްމަކަށް ސޮއިކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހުޅަނގުގައި ވިދާލި ބަތަލާ މި ފަހަރު ސޮއިކުރި ފިލްމްގެ ނަމަކީ "އަ ކިޑް ލައިކް ޖޭކް" އެވެ.
ޑްރިންކިން ބަޑީޒް (2013) އާއި އެޑަލްޓް ބިގިނާޒް(2014) ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ޕޯލް ބާނަން ވަނީ، ޕްރިޔަންކާ ފިލްމަށް ސޮއި ކުރިކަން އޭނާ ކުރި ޓްވީޓެއްގައި ކަށަވަރުކޮށް ދީފަ އެވެ.
ސިލަސް ހަވަޑް ޑައިރެކްޓް ކުރާ "އަ ކިޑް ލައިކް ޖޭކް" ގައި ޕްރިޔަންކާ އާ އެކު، އޮކްޓާވިއާ ސްޕެންސާ، ޖިމް ޕާސަންސް، ކްލެއާ ޑޭންސް އަދި މިޝޭލާވޮޓްކިންސް ފަދަ ތަރިން ފެނިގެން ދާނެ އެވެ. މީގެ ޝޫޓިން ކުރިއަށް އޮތް ހޫނު މޫސުމުގައި ނިއު ޔޯކްގައި ފަށާނެ އެވެ.
"އަ ކިޑް ލައިކް ޖޭކް" އަކީ ޑެނިއަލް ޕާލްސް ހަމަ އެ ނަމުގައި ލިޔެފައިވާ ޕްލޭއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ވެސް ލިޔަނީ އޭނަ އެވެ.
"އަ ކިޑް ލައިކް ޖޭކް" ގެ ވާހަކަ އެނބުރެނީ އާދަޔާހިލާފު ތޫނުފިލި ކަމެއް ލިބިފައިވާ އެހެން ނަމަވެސް ޖިންސް ކަށަވަރު ނުވާ ކުއްޖެއްގެ ވަށައިގެންނެވެ.
މި ފިލްމާ ބެހޭ ގޮތުން ޑެނިއަލް ބުނީ "އަ ކިޑްސް ލައިކް ޖޭކް" ޕްލޭއަކީ ފިލްމެއްގެ ގޮތުގައި ސްކްރީނާ ހަމައަށް ގެންނަން ވަރަށް ކަމުދާ ޒާތުގެ ވާހަކައެއް ކަމަށެވެ.
އެހެންވެ ބޮޑު ސްކްރީނަށް ފިލްމް ގެންނަން ފުރުސަތު ލިބުމުން ވަރަށް އުފާވެފައިވާ ކަމަށް ބުންޏެވެ.
"ކްއަންޓިކޯ" ކުޅެން ފެށި ފަހުން، ބޮލީވުޑްގެ ފިލްމްތަކުން ޕްރިޔަންކާ ވަނީ އެއްކޮށްހެން "ގެއްލިފަ" އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ޖެއި ގަންގާޖަލް" އެވެ.
އޭގެ ފަހުން އޭނާ ކުޅޭނެ ހިންދީ ފިލްމަކީ ކޮބައިކަމާ ދޭތެރޭ އެކި ގޮތްގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.
ދާދި ފަހުން ޕްރިޔަންކާ މުމްބާއީ އަށް ކުރި ދަތުރާ ދިމާކޮށް އޭނާ އާ ފިލްމަކަށް ސޮއިކުރިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެ ފިލްމަކީ އެމެރިކާގެ ޖައްވީ ސްޓޭޝަން ނާސާގައި މަސައްކަތް ކުރި އިންޑިއާގެ އަންހެން އެސްޓޮނޯޓް ކަލްޕަނާ ޗާވްލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެވެ.
އެ ފިލްމަށް ސޮއި ކުރަން ޕްރިޔަންކާ ކަށަވަރުކޮށް ނުދިން ނަމަވެސް، އޭނާ ބުނެފައި ވަނީ ކުޅޭނެ ހިންދީ ތިން ފިލްމެއް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ޖޫން މަހުގެ ތެރޭގައި އެ ފިލްމްތައް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕްރިޔަންކާގެ ވިލަންއެއްގެ ރޯލް ކުޅެފައިވާ "ބޭވޮޗް" ސިނަމާތަކަށް އަންނާނީ މި މަހުގެ 25 ގަ އެވެ.