ސިފަ ގެއްލުމުން އެކުވެރިޔަކު ނެތި ބާކީވެފައި
ސިފަ ގެއްލުމުން އެކުވެރިޔަކު ނެތި ބާކީވެފައި

އިންޑިއާގެ ބިހާރަށް އުފަން މިތުން ޗައުހާން އަކީ ހިތްދަތި ދިރިއުޅުމެއް އުޅެމުންދާ ކުއްޖެކެވެ. ފުރާވަރުގައި މިކުއްޖާއަށް އޭނާގެ ކްލާސް ކުދިން "ގޯސްޓް ބޯއީ"ގެ ނަމުން މުޚާތަބު ކުރެ އެވެ. އޭނާ ފެންނައިރަށް ހުރިހާ ކުދިން ދުވެ ފިލަ އެވެ.

އޭނާގެ މޫނުގައި ނަގާފައިވާ ބޮޑެތި ޓިއުމަރުތަކެއްގެ ސަބަބުން މޫނު ވަނީ ވަރަށް ބޮޑަށް އައިބުވެފަ އެވެ. މިއީ އާއިލީ ގޮތުން ވާރުތަވާ ބައްޔެއް ނަމަވެސް ދުނިޔެއިން މި ބަލި ފެންނަނީ ވަރަށް މަދުންނެވެ.

އުމުރުން 16 އަހަރުގެ މި ކުއްޖާ ސްކޫލުގައި ކުޅެ މަޖާކޮށްލަން ބޭނުންވި ނަމަވެސް ގިނަ ވަގުތު ހޭދަކުރަން މަޖްބޫރުވެފައި ވަނީ ގޭތެރޭގަ އެވެ. އަވަށުގެ މީހުން އޭނާގެ މޫނު ދެކެ ބިރުގަންނާތީ ބޭރަކަށް ދާން ބޭނުމެއް ނުވެ އެވެ. އަދި ކުރިން އޭނާއާ އެކު އުޅުނު ހުރިހާ އެކުވެރިން ވެސް މިހާރު ވަކިވެއްޖެ އެވެ. އޭގެ އިތުރުން ޓިއުމަރުތައް ބޮޑުވާތީ ނޭވާލުމަށާއި ކެއުމަށް ވެސް ވަނީ ދަތިވެފަ އެވެ.

މި ކުއްޖާގެ ބަލި ހާލާ މެދު އޭނާގެ މައިންބަފައިންނާއި އަވަށްޓެރިން ވެސް އިންތިހާއަށް ކަންބޮޑުވެފައި ވާއިރު އޭގެ ތެރެއިން ގިނަ މީހުން ގަބޫލުކުރަނީ މިއީ "ސުންޕާ ކަމެއް" ކަމަށެވެ. ނަމަވެސް ޑޮކްޓަރަކު މިހާރު ވަނީ މި ބަލި ދެނެގަނެފަ އެވެ. ޑޮކްޓަރު ވިދާޅުވަނީ ކުއްޖާ އަށް ޖެހިފައިވަނީ ނިއުރޯފައިބްރޯމާ ކިޔާ ބައްޔެއް ކަމަށެވެ. މި ޓިއުމަރުތައް ހުރީ އޭނާގެ ނާރުތަކުގައި ކަމަށާއި ނާރުތަކުގައި ފަޅާ ޓިއުމަރުތައް ބޮޑުވެގެން މޫނުމައްޗަށް ފެތުރެނީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މި ކުއްޖާއަށް ފަރުވާދީ ރަނގަޅު ކުރެވިދާނެކަމަށް ޑޮކްޓަރު ވިދާޅުވެފައިވާތީ އޭނާގެ އަވަށުގެ އެންމެން މިހާރު މަސައްކަތްކުރަނީ ކުއްޖާއަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމަށެވެ.