14 މެއި 2017 - 06:05

އެކްޓަރުން ކަމަށްވާ އަރްބާޒް ޚާނާއި މަލައިކާ އަރޯރާ ޚާންގެ ވަރީގެ މައްސަލަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބައިގެ ބާންޑްރާ ކޯޓުން ނިންމައި 17 އަހަރަށް ވުރެ ގިނަ ދުވަސްވ ކައިވެނި ނިމުކަކަށް ގެނެސްފި އެވެ.
މި ދެ މީހުންގެ ގާނޫނީ ވަކީލުން ބުނީ ވަރީގެ ބަދަލުގައި އަރްބާޒްގެ އަތުން އެއްވެސް މުދަލެއް އަދި ފައިސާއެއް މަލައިކާ ބޭނުމެއް ނުވި ކަމަށެވެ. އަދި ދަރިފުޅު ހުންނާނީ މަލައިކާގެ ގާތުގައި ކަމަށް ވަނީ އެއްބަސްވެފަ އެވެ.
ދެ މީހުން ވަކިވާން އުޅޭކަން މަލައިކާ އާއި އަރްބާޒް އިއުލާންކުރީ މިދިޔަ އަހަރު އެވެ. އަދި މިކަން އިއުލާން ކުރުމަށްފަހު މަލައިކާ ވަނީ އަރްބާޒްގެ ގެ ދޫކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ނަމަވެސް ދެ މީހުންނަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅުގެ އުފަން ދުވަހު ދެ މީހުން ވަނީ އެކުގައި ހޭދަކޮށްފަ އެވެ. އަދި އަރްބާޒްގެ ގޭގައި ބާއްވާ އެކިއެކި އިވެންޓްތަކުގައި މަލައިކާ ބައިވެރިވެ އެވެ.
މަލައިކާ އާއި އަރްބާޒް ފުރަތަމަ ބައްދަލުވީ ދެ މީހުން އެކުގައި ކުޅުނު އިސްތިހާރެއްގެ ޝޫޓިންގަ އެވެ.
މީގެ ކުރިން މަލައިކާ ފިލްމީ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާ އާއި އަރްބާޒް ރައްޓެހިވީ ބައްދަލުވިތާ މަހެއްހާ ދުވަސް ފަހުންނެވެ. އެމީހުން ގުޅުން އެކުވެރިކަމުން ލޯތްބަށް ބަދަލުވީ މަޑުމަޑުން ކަމަށް ވެސް މަލައިކާ ބުންޏެވެ. ރައްޓެހިވެގެން އުޅޭތާ ފަސް އަހަރުވީއިރު އަރްބާޒަކީ އޭނާ އެކުގައި ދިރިއުޅެން ބޭނުންވާ މީހާ ކަން ޔަގީން ވުމުން ޑިސެމްބަރު 12، 1998 ގައި ކައިވެނި ކުރީ ކަމަށް ވެސް މަލައިކާ ބުންޏެވެ. އޭރު މަލައިކާ އަށް 23 އަހަރެވެ.