14 މެއި 2017 - 06:05

ހުކުރު ދުވަހު ރިލީޒްކުރި ދެ ފިލްމު ކަމަށްވާ އަޔުޝްމާން ކުރާނާ އާއި ޕަރިނީތީ ޗޯޕްރާގެ "މޭރީ ޕިޔާރީ ބިންދޫ" އާއި ރާމް ގޯޕާލް ވަރުމާގެ، އަމީތާބް ބައްޗަން އާއި ޔާމީ ގޯތަމް ލީޑް ރޯލު ކުޅެފައިވާ "ސަރްކާރް 3" އަށް ބެލުންތެރިންގެ ޝައުގުވެރިކަން ހޯދޭ ގޮތެއް ނުވި އެވެ.
"ސަރްކާރް" ސިލްސިލާގެ ކުރީގެ ދެ ފިލްމަށް އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ލިބިފައިވުމުން މިފަހަރުގެ ފިލްމު ވެސް ކާމިޔާބުވާނެ ކަމަށް އުންމީދު ކުރެވުނެވެ. ނަމަވެސް އަމީތާބު ބައްޗަންގެ މޮޅު ޕާފޯމަންސުން ވެސް މި ފިލްމު ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.
"މޭރީ ޕިޔާރީ ބިންދޫ" އަކީ ޒުވާން ލަވަކިޔުންތެރިޔަކާއި ލިޔުންތެރިއެއްގެ ލޯބީގެ ވާހަކައެއް ދައްކުވައިދީފައިވާ ފިލްމެކެވެ. ރޮމެންޓިކް-ކޮމެޑީ މި ފިލްމުގައި ކިޔައިދެނީ ކުޑައިރުއްސުރެ ލޯބިވެގެން އުޅޭ ޒުވާން ޖޯޑެއްގެ ހަޔާތުގެ ވާހަކަ އެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީޒްކޮށްފައި ވަނީ 750 ސިނަމާއެއްގަ އެވެ. ނަމަވެސް ފުރަތަމަ ދުވަހު މި ފިލްމު ބަލަން އެވްރެޖްކޮށް ސިނަމާތަކަށް ވަދެފައިވަނީ އެންމެ 15 ޕަސެންޓެވެ.
ކްރިޓިކްސް ބުނަނީ މިއީ ހަގީގަތާ އެއްގޮތްކަމެއް ނެތް ފޫހި ވާހަކައެއް ކަމަށެވެ. ނަމަވެސް ފިލްމު ބެލި ބައެއް މީހުން ބުނެފައިވަނީ އެއް ފަހަރު ބަލާލަން ފިލްމު އެންމެ ރަނގަޅު ކަމަށެވެ. ޚާއްސަކޮށް އަޔުޝްމާގެ ޕާފޯމަންސް ގިނަ މީހުންނަށް ވަރަށް ކަމުދިޔަ އެވެ. މި ފިލްމަކީ އެންމެ 22 ކްރޯޑު (220 މިލިއަން ރުޕީސް)ގެ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވާތީ ބޮކްސް އޮފީހުގައި ކޮންމެވެސް ވަރެއް ވެދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެއީ ކުރިޔަށް ހުރި ދުވަސްތަކުގައި ފުރަތަމަ ދުވަހަށް ވުރެ އޮކިއުޕަންސީ ރަނގަޅު ވެގެންނެވެ.
އަނެއްކޮޅުން "ސަރްކާރް 3" 1425 ސްކްރީންގައި ރިލީޒްކޮށް ސިނަމާތަކުން އެވްރެޖްކޮށް ފުރުނީ އެންމެ 10 ޕަސެންޓް ގޮނޑި އެވެ. ނަމަވެސް "މޭރީ ޕިޔާރީ ބިންދޫ" އަށް ވުރެ މި ފިލްމު އެޅުވި ސިނަމާތައް ގިނަވުމުން ޖުމްލަކޮށް އެ ފިލްމަށް ލިބުނު އާމްދަނީ އަށް ވުރެ މި ފިލްމުގެ އާމްދަނީ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ދެ ފިލްމު ބަލަން މީހުން ޝައުގުވެރިނުވުމުގެ ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ ކްރިޓިކްސްގެ ފާޑުކިޔުންތަކެވެ. ދެވަނަ ކަމަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ތާރީޚު އަލުން ލިޔެލި ފިލްމު "ބަހޫބަލީ 2" އަދިވެސް ގިނަ ސިނަމާތަކެއްގައި ވަރަށް ރަނގަޅަށް ހިނގަމުން ދިއުމެވެ.
މިހާތަނަށް ހަދާފައިވާ ގިނަ ރެކޯޑްތަކެއް މުގުރާލައި މުޅިން އާ ރެކޯޑްތަކެއް ގާއިމްކޮށްފައިވާ "ބަހޫބަލީ 2" ގެ ހިނގުމަކަށް އަދި ހުއްޓުމެއް ނާދެ އެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ފިލްމުގެ ވިޔަފާރި ރަނގަޅެވެ. ހިންދީ ފިލްމު އިންޑަސްޓްރީން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕީކޭ" އާއި "ދަންގަލް"ގެ ރެކޯޑްތައް ވެސް މިހާރު މި ފިލްމުން ވަނީ މުގުރާލައި މިހާތަނަށް އިންޑިއާއިން އެކަނި 400 ކްރޯޑު (40 ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ހޯދާފަ އެވެ. މިއީ ހިންދީ ފިލްމަކަށް އަދި އާދެވިފައިވާ ހިސާބެއް ނޫނެވެ.