13 މެއި 2017 - 08:16

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެއްދެވުމަށް މަސައްކަތް ނުކުރައްވާ ނަމަ، ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އިއްޔެ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ "ވެރިކަން ނުކުރެވިގެން އިސްތިއުފާ ދީފައި، ފިލާ ރައްކާވި މީހަކު އެހެން މީހުން މަގާމުން ދުރުކުރާ ވާހަކަ ދެއްކުމަކީ ޖޯކެއް" ކަމަށެވެ.
"އަމިއްލަ ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ގޮސް ތިބެގެން ވެރިކަމާ ތޮޅުން. ގޯވާ އަށް ވަޑައިގެން ހަސަން ރަސްގެފާނު ވެސް ކުރެއްވީ ހަމަ މި ކަންތައް ދެއްތޯ،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި 2013 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ރައްޔިތުން ވަނީ "އާނއެކޭ" ބުނެފަ އެވެ. އަދި މިހާރު ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ތިބީ 2008، 2013 ގައި ރައްޔިތުން ނޫނެކޭ ބުނެފައިވާ މީހުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މީ ހަގީގަތް ދެއްތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ވޯޓު އޮޅުވާލުމާއި ފެންނަ ނުފެންނަ ވޯޓު ނެގިއިރު އަމަލުކުރި ގޮތާ މެދު، އާންމުންގެ ތެރޭގައި ދައްކާ ވާހަކަތަކާ ގުޅުވައިގެން އަބްދުއްރަހީމް ވިދާޅުވީ "ކުޑަ ކާފު ބޮޑު ކާފުގެ ދުވަސްވަރު ނުފެންނަ އެންމެ ވޯޓެއް ވޯޓު ފޮށީގައި އޮވެގެން ގެއަށް ފޮނުވާލި އެތައް ބަޔަކު މިހާރު ވެސް ދުނިޔޭގައި އެބަތިބި" ކަމަށެވެ.
އޭނާ އެހެން ވިދާޅުވިއިރު، މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުންގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކުރަން ވަނީ ފަށައިފަ އެވެ. އަދި އަބްދުއްރަހީމަކީ މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ލ. ފޮނުދޫގައި ސަރުކާރުގެ ހުރިހާ ކަމެއްގައި ވެސް އުޅުއްވި ބޭފުޅެކެވެ.