13 މެއި 2017 - 02:57

ވެސްޓް ބްރޮމްވިޗް (މެއި 13) – ވެސްޓް ބްރޮމްވިޗް އަލްބިއޯން އަތުން 1-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޗެލްސީން ފަސް ވަނަ ފަހަރަށް މިރޭ ހޯދައިފި އެވެ.

ބާކީ ދެ މެޗު އޮއްވާ އެ ޓީމުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ 87 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި 77 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ބާކީ އޮތް ތިން މެޗުން ހަމަކުރެވޭނީ ގިނަވެގެން 86 ޕޮއިންޓެވެ. ވާދަވެރިކޮށް އޮތް ރޭހުން ޗެލްސީއަށް ފުރުސަތު ބޮޑުވެގެން ދިޔައީ ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވުމުންނެވެ. އޭގެ ފަހުން ކުޅުނު މެޗުން ޗެލްސީ ވަނީ މިޑްލްސްބަރާ އަތުން 3-0 އިން މޮޅުވެފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ 14 ހަމަލައެއް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފުގައި ވެސް އެ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އޭގެ ފަހުން ވެސްޓް ބްރޮމް މެޗުގެ ކޮންޓްރޯލް ނަގާފައިވަނިކޮށް ޗެލްސީ އަށް ލަނޑު ޖަހައިދިނީ 82 ވަނަ މިނެޓުގައި ބެލްޖިއަމް ފޯވާޑް މިޝީ ބަޓްޝުއާއީ އެވެ. ސެސާ އަޒްޕިކުއެލްޓާ އޭރިއާ ތެރެއިން ޖައްސާލި ބޯޅަ އޭނާ ގޯލުގެ ތެރެއަށް ވައްދާލުމާ އެކު ޗެލްސީގެ ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ފޯރި ނަގައިފަ އެވެ.
"މިއީ ކުޅުންތެރިންނަށް ލިބުނު ބޮޑު ކާމިޔާބެއް. ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ދަނޑުމަތީގެ ދެއްކި މަސައްކަތުގެ ރޭޓަށް ޝުކުރުއަދާކުރަން. މި ކާމިޔާބީއާ އެކު އަހަރެމެން ވަރަށް ބޮޑަށް އުފާކުރަން ޖެހޭ،" ޗެލްސީގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
ޗެލްސީގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ސީޒަނުގައި ވެސް ކޮންޓޭ އެ ޓީމަށް ލީގު ކާމިޔާބުކޮށްދިން އިރު މިއީ އޭނާގެ ކެރިއަރުގެ ފަސް ވަނަ ލީގު ތަށްޓެވެ. އެގޮތުން ޔުވެންޓަސް އަށް އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްދީފައިވާއިރު ބާރީ އަށް އިޓަލީގެ ދެ ވަނަ ޑިވިޝަން ވެސް ވަނީ ކާމިޔާބުކޮށްދީފަ އެވެ. މި ސީޒަނުގެ އެފްއޭ ކަޕުގެ ފައިނަލް އޮތުމުން ކޮންޓޭ އަށް ވަނީ ފުރަތަމަ ސީޒަނުގައި ދެ ތަށި ކާމިޔާބުކޮށްދިނުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ.
ޗެލްސީ އަކީ ސީޒަން ފެށިއިރު ފޭވަރިޓެއް ނޫނެވެ. މިދިޔަ ސީޒަން 10 ވަނައިގައި ނިންމާލި ޓީމާ މެދު ގިނަ ބަޔަކު މާ ބޮޑު އުއްމީދެއް ނުކުރެ އެވެ. ބެލެވިފައި އޮތީ މިއީ މެންޗެސްޓާ ސިޓީ ނުވަތަ މެންޗެސްޓާ ޔުނައިޓެޑުގެ ފަހަރެއް ކަމަށެވެ. ސީޒަނުގެ ކުރީކޮޅު ޗެލްސީގެ ނަތީޖާތައް ދަށްވި ނަމަވެސް ޓެކްޓިކްސް އަށް ކޮންޓޭ ގެނައި ބަދަލުތަކާ އެކު އެ ޓީމުގެ ކުޅުން ރަނގަޅުވި އެވެ. އެގޮތުން އޮކްޓޯބަރު މަހު ތިން ޑިފެންޑަރުންގެ ފޯމޭޝަނަށް ބަދަލުކޮށް ޗެމްޕިއަން ލެސްޓާ ސިޓީ 3-0 ބަލިކޮށް އަދި މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް 4-0 އިން ކުރި ހޯދި އެވެ. އެ ހިސާބުން ތާވަލުގެ އެއް ވަނަ އަށް އަރައި އެންމެ ފުރަތަމަ ލިވަޕޫލާ ދެން ސިޓީ އަދި އެއަށް ފަހު ޓޮޓެންހަމްއާ ވާދަކޮށް އެންމެ ފަހުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އެވެ.
"އަހަންނަށް ފަސޭހައެއް ނޫން އިންގްލެންޑަށް އައިސް މުޅިން ތަފާތު މާހައުލަކަށް ހޭނެން. ތަފާތު ބަހަކުން ވާހަކަ ދައްކައި، އަދި ގޯސް ސީޒަނަކަށް ފަހު ކުޅުންތެރިންގެ ވިސްނުން ބަދަލުކުރަން،" މިދިޔަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް އިޓަލީ ގެންގޮސްދިން ކޮންޓޭ ބުންޏެވެ.
އިނގިރޭސި ޗެމްޕިއަންކަން އެންމެ ފުރަތަމަ 1955 ވަނަ އަހަރު ހޯދި ޗެލްސީން ޕްރިމިއާ ލީގުގެ މީގެ ކުރިން ހޯދާފައިވަނީއިނގިރޭސި ޗެމްޕިއަންކަން އެންމެ ފުރަތަމަ 1955 ވަނަ އަހަރު ހޯދި ޗެލްސީން ޕްރިމިއާ ލީގުގެ މީގެ ކުރިން ހޯދާފައިވަނީ 2005، 2006، 2010 އަދި 2015 ގަ އެވެ. ފުރަތަމަ ދެ ފަހަރު އަދި 2015 ގައި ހޯސޭ މޮރީނިއޯ ތަށި ހޯދައިދިން އިރު 2010 ގައި ހޯދައިދިނީ ކާލޯ އަންޗެލޮޓީ އެވެ. 2005، 2006، 2010 އަދި 2015 ގަ އެވެ. ފުރަތަމަ ދެ ފަހަރު އަދި 2015 ގައި ހޯސޭ މޮރީނިއޯ ތަށި ހޯދައިދިން އިރު 2010 ގައި ހޯދައިދިނީ ކާލޯ އަންޗެލޮޓީ އެވެ.