13 މެއި 2017 - 00:31

އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާ އަތުން 3-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަނުހުރެފި އެވެ.
ބެލެވޭ ގޮތުގައި ނިޒާމްބެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަނުހުރީ ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން، އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުންނެވެ.
ފަހަކަށް އައިސް ގިނަ ކޯޗުން އަންނަނީ ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔަމުންނެވެ. އެކަމަކު މިރޭގެ މެޗުގައި ރެފްރީ މުހައްމަދު ޖާވިޒުގެ ނިންމުންތައް ޖުމްލަކޮށް ރަނގަޅެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓު ހަމަވެގެން ރެފްރީ ކަށިގަނޑު ފުމުނީ ޓީސީން އުފައްދަން މަސައްކަތްކުރި ހަމަލައެއްގައި މާޒިޔާގެ ޑިފެންޑަރަކު ބޯޅަ ބޭރުކުރުމުން، ޓީސީގެ ކުޅުންތެރިޔާ އެ ބޯޅަ އެއްލަން ތައްޔާރުވަނިކޮށެވެ. ހާފު ނިންމާލުމަށް ފަހު ރެފްރީން ދަނޑުން ފޭބި ވަގުތު ނިޒާމްބެ ރެފްރީ ގާތަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މެޗުގެ ފަހުކޮޅު ރެފްރީގެ ނިންމުމަކާ ގުޅިގެން، ބެންޗުގައި ހުރި ޓީސީގެ އަލީ އިމްރާން ހިތްހަމަނުޖެހުން ފާޅުކުރުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައިފަ އެވެ. އެންމެ ފަހުން ގްރީން ސްޓްރީޓްސް އަތުން 3-1 އިން ޓީސީ ބަލިވި މެޗުގައި ވެސް އޭނާ ބެންޗުގައި ހުއްޓާ ރީނދޫ ކާޑެއް ދެއްކި އެވެ.
މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމަށް އައުމަށް އެފްއޭއެމުގެ އޮފިޝަލަކު ނިޒާމްބެ ގާތު ބުނުމުން އޭނާ ފުރަތަމަ އިންކާރުކުރި އެވެ. ނިޒާމްބެ އައުމުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބުނުދީ ހަނުހުރީ އެވެ.
މީގެ ކުރިން ބައެއް މެޗުތަކުގައި ވެސް ނިޒާމްބެ ވަނީ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން ނިއު ރޭޑިއަންޓް އަތުން 2-1 އިން ބަލިވި މެޗަށް ފަހު އެ ސުވާލުކުރުމުން އޭނާ ބުނީ ރެފްރީންގެ ވާހަކަތައް ދައްކައިގެން އިތުރު މައްސަލަތަކެއް އުފެދެން ބޭނުންނުވާ ކަމަށާއި އެހެންވެ އެކަމާ ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ.
މިރޭގެ މެޗުން ބަލިވުމުން ޓީސީ އަށް ވަނީ ތިން ވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު އޮތީ 10 ޕޮޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. މެޗުގެ ކުރީކޮޅު ޓީސީން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް މާޒިޔާ އިން ލީޑު ނެގި އެވެ. ދެ ވަނަ ހާފު އެ ޓީމަށް ރަނގަޅަށް ނުފެށި އުޅެނިކޮށް މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހި އެވެ. އޭގެ ފަހުން ޓީސީން އަލުން ކުޅުން ރަނގަޅު ކުރި ނަމަވެސް މާޒިޔާ އިން ވަނީ ކައުންޓާގައި ތިން ވަނަ ލަނޑު ޖަހައިފަ އެވެ.