12 މެއި 2017 - 19:19

ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން މިއަދު ހަވީރު ބޭއްވި ސަޔަށް ފުލުހުން ހުރަސް އަޅައިފި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އެ ހަފުލާ ބާއްވަމުން ދަނިކޮށް ފުލުހުން ވަނީ މަގުމައްޗަށް ވާގޮތަށް ހުރި މޭޒެއް އެތަނުން ނަގައިގެން ގޮސްފަ އެވެ. އެ މޭޒު ފުލުހުން ގެންދިޔަ ނަމަވެސް އެ ހަފުލާ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ހަފުލާގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވި އެވެ.
ކައުންސިލް އިންތިޚާބުގައި ބޮޑެތި ދާއިރާތަކުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގާފައިވާއިރު މިހާތަނަށް ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެކަމުގެ ކާމިޔާބީ އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރަމުންދާއިރު ސަރުކާރު ހިންގާ ޕީޕީއެމް ވަނީ ބަލި ގަބޫލުކޮށްފަ އެވެ.