12 މެއި 2017 - 11:42

ލަންޑަން (މެއި 12) - ބިލިއަނަރެއްގެ ކައިރިން ވަރިވެފައިވާ އަންހެނަކަށް ވަރީގެ ބަދަލެއްގެ ގޮތުން 583 މިލިއަން ޑޮލަރު (453 މިލިއަން ޕައުންޑް) ދިނުމަށް ލަންޑަނުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
މިއީ އިނގިރޭސި ވިލާތުގައި ވަރީގެ ބަދަލެއްގެ ގޮތުގައި ނަގައިދިން އެންމެ ބޮޑު އަދަދު ކަމަށްވެ އެވެ. ލަންޑަންގެ ހައި ކޯޓުގެ ފެމިލީ ޑިވިޝަނުގެ ފަނޑިޔާރުގެ ހުކުމުގައި ވަނީ ފިރިމީހާގެ މިލްކިއްޔާތުގައި ހިމެނޭ 1289 މިލިއަން ޑޮލަރު (1 ބިލިއަން ޕައުންޑް) ގެ ތެރޭން 41.5 ޕަސެންޓް ވަރިކުރި އަނބިމީހާ އަށް ލިބެން ޖެހޭނެ ކަމަށެވެ.
މި ދެ މީހުންގެ ނަމެއް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އަންހެން މީހާ އަކީ ލަންޑަނުގައި ދިރިއުޅޭ 44 އަހަރުގެ މީހެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި އިރުމަތީ ޔޫރަޕަށް ނިސްބަތްވާ އެ އަންހެން މީހާ އަށް އިނގިރޭސި ރައްވެހިކަން 2000 ވަނަ އަހަރު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އުމުރުން 61 އަހަރުގެ، ރަޝިޔާ އަށް ނިސްބަތްވާ މީހާ ލަންޑަނުގައި ގޭހާއި ތެލުގެ ވިޔަފާރިކޮށްފައިވެ އެވެ.
ކައިވެނިކޮށްގެން އުޅުނު އިރު ފިރިހެން މީހާ އަނބިމީހާ އަށް ވަރަށް ހެޔޮ ކަމަށްވެ އެވެ. އަދި އަގު ބޮޑެތި ހަދިޔާތައް ދޭ ކަމަށް ވެސް ވެ އެވެ. މި ގޮތުން 300،000 ޕައުންޑުގެ ގަހަނާ އާއި ލިމިޓެއް ނެތި ބޭނުން ކުރެވޭ ގޮތަށް ދެ ކްރެޑިޓް ކާޑު ދީފައިވެ އެވެ. މީގެ އިތުރުން އަންހެން މީހާ ބޭނުން ކުރުމަށް ޔޮޓަކާއި މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ވެސް ދީފައިވެ އެވެ.
ވަރީގެ ބަދަލަކަށް އަނބިމީހާ އަށް 330 މިލިއަން ޕައުންޑް ދިނުމަށް އިނގިރޭސި ވިލާތުގެ ކޯޓަކުން 2014 ވަނަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.