މުގާބޭ ތާއްޔާޖެހެނީކީ ނޫން، ލޮލަށް އަރާމް ދެނީ: ތަރުޖަމާން
މުގާބޭ ތާއްޔާޖެހެނީކީ ނޫން، ލޮލަށް އަރާމް ދެނީ: ތަރުޖަމާން

ހަރާރޭ (މެއި 12) - ރަސްމީ ބައްދަލުވުންތަކުގައި، ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ތާއްޔާޖެހިގެން ވެއްޓެނީ ނޫން ކަމަށާއި އެއީ ލޮލަށް އަރާމު ދިނުމަށް ކުރައްވާ ކަމެއް ކަމަށް އޭނާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.

ޒިމްބާބުވޭގެ ރަސްމީ ނޫސް ހެރަލްޑް އަށް ތަރުޖަމާން ޖޯޖް ޗަރަމްބާ ވިދާޅުވީ އަލިގަދަ ތަންތަނުގައި ލޯ ހުޅުވައިގެން އިންނެވުމަށް މުގާބޭ އަށް އުނދަގޫވާ ކަމަށެވެ. އެހެންވެ ފަސޭހަ ގޮތަކީ ލޯމަރާލައިގެން އިންނެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގިނަ އިވެންޓުތަކުގައި މުގާބޭ އަވަހަރާފުޅުގައި އިންނަވަނިކޮށް ފެނިފައިވެ އެވެ. އެހެންވެ އުމުރުން 93 އަހަރުގެ މުގާބޭގެ ފިޓްނަސްއާ މެދު ވަނީ ސުވާލުތައް އުފައްދައިފަ އެވެ. މުގާބޭގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން މުގާބޭ ވަނީ ނިންމައިފަ އެވެ.

މުގާބޭ އެންމެ ފަހުން ތާއްޔާޖެހިގެން ވެއްޓިފައި ވަނީ ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމުގެ ޕެނަލް ބަހުސެއްގަ އެވެ. އެ ބައްދަލުވުމުގައި މުގާބޭ ވަނީ ޒިމްބާބުވޭ އަކީ އެފްރިކާގައި ދެ ވަނަ އަށް އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމު ކަމަށް ވިދާޅުވެފަ އެވެ.

މުގާބޭ މިހާރު ވެސް ގެންދަވަނީ ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުންނެވެ. ތަރުޖަމާން ވިދާޅުވީ މުގާބޭ ފަރުވާ ކުރައްވަނީ ލޮލަށް ކަމަށެވެ.