12 މެއި 2017 - 08:45

ބަޣުދާދު (މެއި 12) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމުގެ އޮޕަރޭޝަން ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އިރާގު ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އުސްމާން އަލް ގަނީމީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އައިއެސްގެ މައްޗަށް ދާދި ފަހުން މޫސަލްގެ އުތުރުގައި ހޯދި ކާމިޔާބީ އަށް ފަހު އައިއެސްގެ ހަނގުރާމަވެރިންގެ މަދު ބަޔަކު މިހާރު ތިބީ ކުޑަ ސަރަހައްދެއްގައި ތާށިވެފައި ކަމަށެވެ. ގަނީމީ ވިދާޅުވީ މޫސަލްގެ އުތުރުގެ ހިސާބުތައް ކޮންޓްރޯލް ކުރަން ދަތިވީ އައިއެސް އިން ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާތަކާއި ސްނައިޕަރުންގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.
އައިއެސްގެ ބާރުގެ ދަށަށް މޫސަލް ގެންދިޔައީ ޖޫން 2014 ގަ އެވެ. އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ ހިފުމުގެ އޮޕަރޭޝަން އިރާގު ސަރުކާރަށް ވާގިވެރިވާ ސިފައިން ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. މޫސަލްގެ އިރުމަތީގެ ހިސާބުތައް އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައީ ޖެނުއަރީ މަހު އެވެ.
މޫސަލް ހަނގުރާމައިގައި މަރުވާ ސިފައިންގެ އަދަދު އިރާގު ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެމެރިކާގެ ޖެނެރަލަކު ވިދާޅުވީ އިރާގު ސިފައިންގެ ތެރޭން މިހާތަނަށް 774 މީހުން މަރުވެ 4،600 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.