20 ޖޫން 2016 - 08:09

ބަނޑުހައި ވެފައި ހުންނައިރު ފަސޭހައިން ރުޅި އަންނަކަން އެންމެން ވެސް ގަބޫލުކުރެ އެވެ. އެކަމަކު ބައެއް މީހުންނަކީ ހައި ވުމާ އެކު އާދަޔާ ޚިލާފަށް ރުޅި އަންނަ މީހުންނެވެ. ބަނޑުހައި ވުމާއި ރުޅި އައުމާ ގުޅެނީ ކިހިނެއްހެއްޔެވެ؟
އެއީ ހަށިގަނޑަށް ބޭނުންވާ ކާނާ މަދުވުމުން ހަށިގަނޑު އެކަމަށް އިޖާބަދޭ ގޮތެކެވެ. މިއީ ކުރު ޖަވާބެކެވެ.
ކާތަކެތީގައި ހުންނަ ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓާއި އެހެން މާއްދާތައް ވެސް ހަކުރު ނުވަތަ ގުލްކޯޒްގެ ގޮތުގައި ހަކަތައަށް ބަދަލުވެ އެވެ. މި ހަކަތަ ލޭގެތެއިން ހަށިގަނޑުގެ އެކި ގުނަވަންތަކާއި ޓިޝޫތަކަށް ފޯރަ އެވެ.
ކެއުމަށް ފަހު ގިނައިރު ވަމުން ދިޔަ ވަރަކަށް، ލޭގައި ހުންނަ ނިއުޓްރިއަންޓްސްގެ މިންވަރު ވެސް ދަށްވަމުންދެ އެވެ. އަދި ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ވަކި ވަރަކަށް ވުރެ ދަށް ވެއްޖެ ނަމަ ސިކުނޑިން އެކަން ނަގަނީ ފުރާނަ އަށް ނުރައްކާ ވަރުގެ ކަމެއްގެ ގޮތުގަ އެވެ. ގުލްކޯޒްގެ މިންވަރު ދަށްވުމުން އެކަން އެންމެ ސީރިއަސްކޮށް ނަގަނީ ސިކުނޑިންނެވެ. އެހެން ގުނަވަންތައް ހިންގުމަށް އެކި ބާވަތުގެ ނިއުޓްރިއަންޓްސް ބޭނުން ވާއިރު ސިކުނޑީގެ މަސައްކަތަށް ހާއްސައީ ގުލްކޯޒެވެ.
ދެން އެހެން ވާހަކައެކެވެ. ބަނޑުގައި ވުމުން ނުވަތަ ލޭގައި ގުލްކޯޒްގެ މިންވަރު ދަށްވުމުން ބައެއް ކަހަލަ މަސައްކަތްތައް ކުރަން އުނދަގޫވާނެ އެވެ. ކަމަކަށް ސަމާލުކަން ދީގެން އިންނަން އުނދަގޫވެ އެވެ. ކުރަން ނުވާ ނުވަތަ ކުރަން ނުޖެހޭ ބައެއް ކުދިކުދި ކަންކަން ނޭނގި ކުރެވެ އެވެ. އަޑުގައި ވެސް ވަރު ދެރަ ކަމުގެ ރާގެއް އުފެދެ އެވެ.
ބަނޑުހައި ވުމުން މުޅި ހަށިގަނޑަށް އަންނަ ބަދަލާ އެކު، ސިކުނޑި ވަރަށް ބޮޑަށް "ސީރިއަސް"ވެ އެވެ. އެހެންވެ ފަސޭހައިން ރުޅި ވެސް އަންނަނީ އެވެ. ނިއުޓްރިއަންޓްސް މަދުވުމުން ނުވަތަ ގުލްކޯޒް މަދުވުމުން ވެސް ހަށިގަނޑުން އަވަސްވެގަންނަނީ ހަށިގަނޑު ނިކަމެތި ވުމުގެ ކުރިން އެ ބައިތައް ހޯދުމަށެވެ. ހަށިގަނޑު ސަލާމަތް ކުރުމަށެވެ. ރުޅި އަކީ މި ހާސްކަމުގެ ތެރޭގައި ސިކުނޑިން އުފައްދާ އިހްސާސެވެ.