ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ޕީޕީއެމް ކައުންސިލްގައި ރައީސް ޔާމީނާ އެކު މަޝްވަރާކޮށްފި
ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ޕީޕީއެމް ކައުންސިލްގައި ރައީސް ޔާމީނާ އެކު މަޝްވަރާކޮށްފި

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންކަމާ މެދު ޕީޕީއެމްގެ ކައުންސިލާ އެކު ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ވަނީ ކުޑަ ޓީމެއް ނަގައިގެން ރިޔާސީ އިންތިހާބަށް ތައްޔާރުވުމާ ބެހޭ ގޮތުން އިތުރު ދިރާސާތަކެއް ކުރަން ނިންމާފައި ނިންމައިފަ އެވެ.

އިންތިހާބުގައި ގިނަ ގޮނޑިތައް ހޯދީ އިދިކޮޅު އެމްޑީޕީން ކަމަށް ވިޔަސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާ ގުޅުވުމުގެ ފުރުސަތެއް ނެތެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ވޯޓު ދެނީ އާއިލާއަށާއި ރަހްމަތްތެރިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނިމިގެންދިޔަ އިންތިހާބުން ސަރުކާރަށް ތާއީދު ނެތް ކަމަކަށް ނުބުނެވޭނެ ކަމަށާއި ރައީސް ޔާމީންގެ ހިދުމަތްތައް ވަރަށް ބޮޑަށް ރައްޔިތުން ބަލައިގަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ހަތަރު ލީޑަރުންނާ ދެކޮޅަށް ރައީސް ޔާމީން އިންތިހާބުގައި ކުރިމަތިލެއްވީ ގިނިކަންޏާ އެވެ. ޕީޕީއެމަށް ގިނަ ގޮނޑިތަކެއް ލިބުމަކީ ކުރިއެރުމެއް ކަމަށާއި ކައުންސިލް އިންތިހާބުން ލިބޭ ނަތީޖާއިން 2018 ވަނަ އިންތިހާބަށް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިު އެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން އަންނައިރު، މި އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އަދި ތިން ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ.