11 މެއި 2017 - 16:21

ސޯލް (މެއި 11) - ސައުތު ކޮރެއާގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި މޫން ޖައި-އިންގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ކުރީގެ ގައިދީއެއް ކަމަށްވާ އިމް ޖޮން-ސިއޮކް ހަމަޖައްސައިފި އެވެ.
އިމް އަކީ ޑިމޮކްރެސީ އަށް މަސައްކަތް ކުރި އެކްޓިވިސްޓެކެވެ. އޭނާ ތިން އަހަރަށް ޖަލަށްލީ ހުއްދަ ހޯދުމެއް ނެތި ނޯތު ކޮރެއާ އަށް ދަތުރެއް ކޮށްގެންނެވެ. އުމުރުން 51 އަހަރުގެ އިމް ވަނީ ދެ ފަހަރެއްގެ މަތިން ޕާލަމެންޓް މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އިމްގެ މައްޗަށް ކުރިން ވެސް ވަނީ ނޯތު ކޮރެއާ އަށް ހަމްދަރުދީވާ ކަމުގެ ތުހުމަތު ކޮށްފަ އެވެ. އޭނާ ނޯތު ކޮރެއާ އަށް 1989 ވަނަ އަހަރު ވަޑައިގެންނެވީ ޔޫތު ފެސްޓިވަލެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ސައުތު ކޮރެއާގެ ގާނޫނު އޮންނަ ގޮތުން ނޯތު ކޮރެއާ އަށް ދާން ބޭނުންވާ މީހަކު ނަމަ ސަރުކާރުގެ ހުއްދަ ކުރިން ހޯދަން ޖެހެ އެވެ.
ސިޔާސީ މައިދާނަށް އިމް ނުކުންނެވީ 2000 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ވަނީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކޮށް ގާނޫނު ހަދާ މަޖިލީހަށް ހޮވިވަޑައިގެންފަ އެވެ. އޭގެ ފަހުން ވަނީ ވެރިރަށް ސޯލްގެ ޑިޕިއުޓީ މޭޔަރުކަން ވެސް ކުރައްވައިފަ އެވެ.
އިމް ވިދާޅުވީ ރައީސް މޫން އަށް އޭނާ ހިތުގެ އަޑިން ކިޔަމަންވާނެ ކަމަށާއި އެކަމަކު ރައީސް ވިދާޅުވާ ހުރިހާ ކަމަކަށް އާނ ބަސް ވިދާޅު ނުވާނެ ކަމަށެވެ.