ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް ހުކުމް ކުރި ފަނޑިޔާރު ފިލައިފި
ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް ހުކުމް ކުރި ފަނޑިޔާރު ފިލައިފި

ކަލްކަތާ (މެއި 11) - ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ހަ މަހަށް ޖަލަށްލާން އިންޑިއާގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ހުކުމްކުރި ކަލްކަތާގެ ހައި ކޯޓުގެ ފަނޑިޔާރު ފިލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފަނޑިޔާރު ޗިންނަސްވާމީ ސްވަމިނާތަން ކަރްނާންގެ ފޯނު ނިއްވާލާފައިވާ އިރު އޭނާ ވީތަނެއް މިހާރު ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ އިންޑިއާ ދޫކޮށް ގޮހެވެ. އަނެއް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކަރްނާން މިހާރު ހުރީ ނޭޕާލުގަ އެވެ. އަދި ފްރާންސްގައި ދިރިއުޅޭ އޭނާގެ ދަރިއެއްގެ ކައިރިއަށް ދިއުން އެކަށީގެންވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަރްނާން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ކަލްކަތާ އިން ޗެންނާއީ އަށް ދަތުރު ކުރުމަށް ޓިކެޓް ނަގައިފަ އެވެ. އަދި ޗެންނާއީގެ ގެސްޓް ހައުސްއެއްގައި ހުންނެވުމަށް ފަހު އަންދުރަ ޕްރަދޭޝް އަށް ވަޑައިގެންނެވި ކަމަށްވެ އެވެ. ފުލުހުން ވަނީ މި ތިން ސްޓޭޓް ވެސް ބަލާ ޗެކްކޮށްފަ އެވެ.

މިއީ އިންޑިއާގެ ތާރީޚުގައި ވެސް ހައި ކޯޓުގެ ފަނޑިޔާރަކު ޖަލަށްލާން ހުކުމް ކުރި ފުރަތަމަ ފަހަރެވެ.

އުމުރުން 61 އަހަރުގެ ފަނޑިޔާރުގެ މައްޗަށް ވަނީ އެހެން ފަނޑިޔާރުންގެ އަގު ވައްޓާލަން މަސައްކަތް ކުރަން އުޅުނުކަން ސާބިތުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފަނޑިޔާރު ކަރްނާން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެމެދު ވަނީ މައްސަލަ އުފެދިފަ އެވެ. ފެބްރުއަރީ މަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އޭނާގެ ކިބައިން ވަނީ ނަގައިފަ އެވެ.

ފަނޑިޔާރު ކަރްނާންގެ މައްސަލަ ފެންމަތިވީ ޖެނުއަރީ މަހު ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް އޭނާ ސިޓީއެއް ފޮނުއްވި ހިސާބުންނެވެ. އެ ސިޓީގައި އޭނާ ވަނީ "ކޮރަޕްޓް" 20 ފަނޑިޔާރަކާއި ގާނޫނީ ދާއިރާގެ ތިން އޮފިޝަލެއްގެ ނަން ފާހަގަކޮށްފަ އެވެ. އޭގެ ފަހުން އޭނާ ސުޕްރީމް ކޯޓަށް ހާޒިރު ކުރުމަށް ފަހު ވަނީ ޝަރުއީ ދާއިރާގެ މަސައްކަތުން އެއް ފަރާތްކޮށްފަ އެވެ. މި ނިންމުމާ އެކު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތަފާތު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ވަނީ ސަރުކާރުގެ ޑޮކްޓަރުންގެ ޓީމަކުން ކަރްނާންގެ ސައިކޭޓްރިކް ޓެސްޓެއް ހަދާ އޭނާގެ ހާލަތު ވަޒަން ކުރުމަށް އަންގައިފަ އެވެ. ރައްދުގައި ކަރްނާން ވެސް ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ވެސް ސިކުނޑި ހަމަޖެހޭތޯ ޓެސްޓް ކުރުމަށް ގޮވާލައިފަ އެވެ. ކަރްނާން މިދިޔަ ހޯމަ ދުވަހު ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތަފާތު ކުރާ ކަމަށް ބުނެ ހަތް ފަނޑިޔާރުން ފަސް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރު ކަރްނާންގެ އެއްވެސް ބަޔާނެއް އާއްމު ނުކުރުމަށް އިންޑިއާގެ މީޑިއާތަކަށް އަންގައިފަ އެވެ.