11 މެއި 2017 - 17:33

ކިލް ބިލް އާއި ޖާންގޯ އަންޗެއިންޑް އަދި އާގޯ ގަފަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ ދުވަސްވީ އެކްޓަރު
އަދި ލަވަ ކިޔުންތެރިޔާ މައިކަލް ޕާކްސް އުމުރުން 77 އަހަރުގައި އަންގާރަ ދުވަހު މަރުވެއްޖެ އެވެ.
މައިކަލް މަރުވިކަން އޭނާގެ އެޖެންޓް ޖޭން ޝުލްމަން ކަށަވަރުކޮށް ދިން ނަމަވެސް، މަރާ ބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ މައިކަލްގެ މަރާ ގުޅިގެން، އޭނާއާ އެކު މަސައްކަތްކޮށްފައިވާ ބައެއް ޑައިރެކްޓަރުން ވަނީ ހިތާމަ ފާޅުކޮށް އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.
ޑައިރެކްޓަރު ކެވިން ސްމިތު އިސްޓަގްރާމްގައި ބުނީ މައިކަލްއަކީ އޭނާ މިހާތަނަށް ދުށް އެންމެ މޮޅު އެކްޓަރު ކަމަށާއި އޭނާއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި މައިކަލްގެ ހަނދާންތައް އޭނާއާ އެކު އަބަދު ވެސް ވާނެ ކަމަށް ކެވިން ބުންޏެވެ.
މައިކަލްގެ ކެރިއަރުގައި އޭނާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ކްއެންޓިން ޓެރަންޓީނޯ، ރޮބަޓް ރޮޑްރިގޭޒް އަދި ޑައިރެކްޓަރު/އެކްޓަރު ބެން އެފްލެކް ފާހަގަކޮށްލެވެ އެވެ.
މައިކަލް ފިލްމީ ދުނިޔެ އަށް އެންމެ ފުރަތަމަ ނިކުތީ އޭބީސީގެ 1961 ޑްރާމާ ސިލްސިލާ "ދަ ރިއަލް މެކޯއިސް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ޓްވިން ޕީކްސް (1990)، ދެމް ކޭމްސް ބްރޮންސަން (1969) އަދި ޕެރީ މޭޒަން (1963) ފަދަ ޑްރާމާތައް ކުޅެފަ އެވެ.
އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ފްރޮމް ޑަސްކް ޓް ޑޯން (1996)، ރެޑް ސްޓޭޓް (2011) އަދި ޓަސްކް (2014) ހިމެނެ އެވެ.
މައިކަލް މިހާތަނަށް އަށް އަލްބަމް ވެސް ނެރެފައިވެ އެވެ.