11 މެއި 2017 - 15:06

ކޮލަމްބޯ (މެއި 11) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ސްރީ ލަންކާ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ސައިފަތް ދަނޑުތަކުން ކުޅަނދުރު ހަތާ ނަގާ ސާފު ކުރުމުގެ މަސައްކަތް ކޮށްފި އެވެ.
ވެސަކް ޑޭގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށް މޯދީ ލަންކާ އަށް ވަޑައިގަންނަވާނީ މިއަދު އެވެ. މޯދީގެ ދަތުރުފުޅުގައި ނޫރަލިއާގެ ހެޓޮން އަށް އިންޑިއާގެ ވަފުދާ އެކު މޯދީ ވަޑައިގަންނަވާނީ މާދަމާ އެވެ. ހެޓޮންގެ ފުލުހުން ބުނީ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް ސައިފަތް ދަނޑުތަކުން ކުޅަނދުރު ހަތާތައް ނައްތާލަނީ މޯދީގެ ހަށިކޮޅުގައި ކުޅަނދުރު ހަފައިފާނެތީ ކަމަށެވެ.
"ސައިފަތް ދަނޑުތަކުގެ ކައިރީގައި އޮންނަ ދެ ހެލިޕެޑާ ކައިރީ ވަރަށް ބޮޑު ދެ ހަތާ ހުރޭ. ހެލިކޮޕްޓަރު ޖައްސާ އިރު ކުޅަނދުރުގެ ސަބަބުން އުނދަގޫވެދާނެ. އަދި މޯދީގެ ވަފުދުގެ ބޭފުޅުންގެ ހަށިކޮޅުގައި ކުޅަނދުރު ހަފައި ވެސް ފާނެ. އެހެންވެ ހަތާތައް ނަގަން ނިންމީ،" ކުޅަނދުރު ހަތާތައް ނައްތާލަން އުފައްދާފައިވާ ޔުނިޓުގެ އިސްވެރިއަކު ވިދާޅުވި އެވެ.
މޯދީގެ ދަތުރުފުޅުގައި ނޫރަލިއާ އަށް ވަޑައިގަންނަވަނީ އިންޑިއާ އިން ފަންޑުކުރި ހޮސްޕިޓަލެއް ހުޅުއްވައި ދެއްވުމަށެވެ. މި ދަތުރުފުޅުގައި ސައިފަތް ހެއްދުމުގެ މަސައްކަތުގައި އުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނާ މޯދީ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާނެ އެވެ.
މޯދީގެ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 6،000 އޮފިސަރުން ނެރޭނެ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ.