އާމިރުގެ "ތަގްސް އޮފް ހިންދުސްތާން"ގައި ކެޓުރީނާ
އާމިރުގެ "ތަގްސް އޮފް ހިންދުސްތާން"ގައި ކެޓުރީނާ

އާމިރު ޚާން އަލަށް ފަށަން އުޅޭ "ތަގްސް އޮފް ހިންދުސްތާން"ގެ ދެ ވަނަ ބަތަލާއަކަށް ކެޓުރީނާ ކައިފް ހަމަޖެހިއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ބުނެވޭ ގޮތުގައި އެ ފިލްމުގައި ކެޓުރީނާ ބައިވެރިކުރަން އާމިރު ޚާނަށް ޚިޔާލު ދިނީ ސަލްމާން ޚާނެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާ އަށް ވެސް "ދޫމް 3" ގައި އާމިރު އާއި ކެޓުރީނާގެ ކެމިސްޓްރީ ވަރަށް ކަމުގޮސްފައިވާތީ އޭނާ ވެސް މިފަހަރުގެ ފިލްމުގައި އާމިރާ އެކު ކެޓުރީނާ ބައިވެރިކުރަން ވަރަށް ހިތްހަމަޖެހެ އެވެ. އަދި ކެޓުރީނާ މިހާރު މި ފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށްވެ އެވެ.

އަމީތާބު ބައްޗަން ވެސް މުހިއްމު ރޯލެއް ކުޅޭ މިފިލްމުގައި ބަތަލާއެއްގެ ބައި ކުޅުމަށް، "ދަންގަލް"ގައި އާމިރުގެ ދަރިއެއްގެ ރޯލު އަދާކުރި ފާތިމާ ސަނާ ޝޭޚް ވަނީ ދާދިފަހުން ސޮއިކޮށްފަ އެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ ހަނގުރާމަމަތީ ފިލްމެއް ކަމަށާއި މިއީ އިންޑިއާއަށް މިނިވަންކަން ލިބުމުގެ ކުރީގެ ހާދިސާތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ މި ފިލްމުގައި ކަނޑި ހަނގުރާމަކުރާ މަންޒަރުތަކާއި ކަނޑުމަތީގެ ހަނގުރާމަތައް ވަރަށް ގިނަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ބައެއް މީހުން ބުނަނީ މި ފިލްމު ހީވަނީ ހޮލީވުޑް މަޝްހޫރު ފިލްމު "ޕައިރޭޓްސް އޮފް ކެރީބިއަން" އާ ވަރަށް އެއްގޮތް ހެންނެވެ. "ދޫމް 3" ގައި އާމިރު އާއެކު މަސައްކަތް ކޮށްފައިވާ ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރިޕްޓް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެ އެވެ.