11 މެއި 2017 - 14:10

އޭޝިއަން ފެޑެރޭޝަން އޮފް ނެޓްބޯލް އެސޯސިއޭޝަނުގެ ނައިބް ރައީސާގެ މަގާމަށް ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސާ އައިމިނަތު ޝާޒްލީން އިންތިހާބުވެވަޑައިގެންފި އެވެ.
މިއީ ސަރަހައްދީ ކުޅިވަރު މައި ޖަމިއްޔާއެއްގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އޭޝިއާގެ ނެޓްބޯޅަ އެސޯސިއޭޝަނުގެ ދެ ނައިބް ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ ޝާޒްލީންގެ އިތުރުން ޕާކިސްތާނާއި އޮސްޓްރޭލިއާ އިންނެވެ. މީގެ ތެރެއިން ހޮވުނީ ރާއްޖެ އާއި އޮސްޓްރޭލިއާ އެވެ. އިންތިހާބު ބޭއްވީ ދެކުނު ކޮރެއާގައި ކުރިއަށްދާ ކޮންގްރެސްގަ އެވެ.
އޭޝިއާގެ ނެޓްބޯޅަ އެސޯސިއޭޝަނަކީ 1986 ވަނަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ. ޖަމިއްޔާގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި ރާއްޖެއާ އެކު އިތުރު ނުވަ ގައުމު އޮވެ އެވެ. އަދި އެސޯސިއޭޝަން މެމްބަރުންގެ ގޮތުގައި ހަ ގައުމު ވަނީ ރަޖިސްޓާކޮށްފަ އެވެ.
އެހެން ކުޅިވަރުތަކަށް ބަލާއިރު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެކްސްކޯގެ މެމްބަރުގެ މަގާމް ރާއްޖޭގެ އަލީ އާޒިމް ފުރުއްވާފައިވާއިރު މުހައްމަދު ޝަވީދު އަންނަނީ މިހާރު ވެސް އެ މަގާމް ފުރުއްވަމުންނެވެ.