މިހާރު 30: ވަސްވާސް
މިހާރު 30: ވަސްވާސް

(އިއްޔެގެ ނޫހާ ގުޅޭ)

ގެއަށް ގޮސް ރަނގަޅަށް ހަމަޖެހިނުލެވެއެވެ. ވަރުބަލިވާން ފެށިއެވެ. ކަންނެތްވެ ފޫހިވާން ފެށިއެވެ. ފޫހިވަނީ ވަކި ކޮންކަމަކާކަމެއް ނޭނގެއެވެ. ނިދިއަންނަން ފެށިއެވެ. ގައިން ވަރުދޫވެ، އާފުރެން ފެށިއެވެ. އެއީ ކުރީ ދުވަހު ވީ ކަންތައްތަކެވެ. އެ ދުވަހު ގިނަ ވަގުތު އެނދަކުން ނުވެސް ތެދުވަމެވެ. މާ އޮތްތޯ ކުނިވަށިގަނޑު ބެލީމެވެ. ކޮންމެވެސް މީހަކު ހުރީ ވަށިގަނޑު ހުސްކޮށްފައެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. ޖުމާނާއަށް ގުޅީމެވެ.

"ހިނގާބަލަ މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން،" އަހަރެން ބުނީމެވެ. "ބަލާބަލަ ކޮންތާކުތޯ ރަނގަޅު ޑޮކްޓަރެއް އިނީ؟"

އަހަރެންގެ ރާގު ހުރި ގޮތުން ޖުމާނާ އިތުރު ސުވާލެއް ނުކުރެއެވެ. ފޯނު ނަގައިފައި ތަންތަނަށް ގުޅަން ފެށިއެވެ. އެޕޮއިންޓުމަންޓެއް ހަމަޖެއްސިއެވެ. މަންމައަކަށް ނާންގަމެވެ. ކަންބޮޑުވެދާނެތީއެވެ. ޓެކްސީ އައެވެ. ދާންވީ މަންޒިލަށް ކާރު ނައްޓައިލިއިރު އަހަރެން ހަމައަކަށް އެޅިއްޖެއެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ވީ ހުރިހާ އުނދަގުލެއް ކެނޑިއްޖެއެވެ. ހިތަށްއެރިއެވެ. ދެން ޑޮކްޓަރަށް ދިއުމުގެ ބޭނުމެއް ނެތެވެ.

"ކިހިނެއްތަ އަސްލު ވީ މަންމާ؟" ޖުމާނާ އެހިއެވެ.

އަހަންނަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ދަރިފުޅަކަށް ކިޔައެއް ނުދެމެވެ. އޭނަ ހާސްވެދާނެތީއެވެ. އަހަރެން ކިޔައިދިނީ އަހަންނަށް ވީ ކަންތައްތަކެވެ.

"މިހާރު މީ ދެވަނަ ދުވަސް." އަހަރެން ބުނީމެވެ.

ޖުމާނާ ލަފާ ދިނީ ޑޮކްޓަރަށް ދެއްކުމަށެވެ. އިނާޔާ ގުޅިއެވެ. އޭނަ ވެސް ބުނީ ޑޮކްޓަރުގެ ލަފާ ހޯދުމަށެވެ. އަހަރެން އެ ގޮތް ގަބޫލުކުރީމެވެ. ދިމާވީ ބޭރު ޑޮކްޓަރަކާއެވެ. ވަރަށް ރަނގަޅަށް އޭނަ ބެލިއެވެ. މައްސަލައެއް ފާހަގައެއް ނުކުރެވުނެވެ. ޓެސްޓުތަކެއް ހަދަން ބުންޏެވެ. އެ ކަން ވެސް ކުރީމެވެ. ނަތީޖާ ލިބޭނެކަމަށް ބުނީ ދެ ދުވަސް ފަހުންނެވެ.

ޖެހިގެން އައި ދުވަހު ވެސް އަހަންނަށް އެ އުނދަގޫތައް ކުރިމަތިވިއެވެ. އެ ކަން ވަނީ ގެއަށް ވަނީމައެވެ. ދާދި އެއް ގަޑިތަކެއްގައެވެ. ވަނީ ވެސް ދާދި އެއް ގޮތްތަކެކެވެ. ގެއިން ބޭރަށް ނުކުމެއްޖެއްޔާ ވަގުތުން ރަނގަޅުވެއެވެ. ޑޮކްޓަރު ބުނާ އެއްޗެއް ނުބަލައި ފަންޑިތައިގެ އެހީ ހޯދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނޭނގޭ ނަންބަރަކުން އެ ދުވަހު މެސެޖުތަކެއް އައެވެ. އަހަރެންގެ ރީތިކަމަށް ތަޢުރީފުކޮށް ފޮނި ވާހަކަތައް އޭގައި ލިޔެފައި ހުއްޓެވެ. ހަމްދާންގެ ކަމަކާ ވަރަށް ވައްތަރުވިއެވެ. ހިންދީލަވަލަވައިގެ މާނަ ލިޔެފައި ހުރީމައެވެ. އެއީ ހަމްދާން ކުރާ ކަމެކެވެ. އެ ނަންބަރުގެ ވެރިފަރާތް ހޯދަން ވަރަށް ގިނަ މަސައްކަތް ކުރީމެވެ. ކާމިޔާބެއް ނުވިއެވެ.

ރިޕޯޓު ލިބެން އޮތް ދުވަހު އަހަރެން އޮފީހަކަށް ނުދަމެވެ. މުޅި ދުވަހު އަހަރެން ހުރީ ނިދިއައިސް ވަރުބަލިވެފައެވެ. ކާހިތެއް ނުވިއެވެ. ރިޕޯޓު ގެނައީ ޖުމާނާއެވެ. ޑޮކްޓަރަށް ވެސް ރިޕޯޓު ދެއްކިއެވެ. އެއްވެސް މައްސަލައެއް ނެތެވެ. އަހަންނާ ބައްދަލުކުރަން އިނާޔާ އައެވެ.

"ހިނގާބަލަ ކޮފީއަކަށް ޖައްސާލަން،" އިނާޔާ އެދުނެވެ. "ބުނީމެއްނު ބޭރަށް ނުކުތީމަ ރަނގަޅުވެއޭ."

"ވަރަށް ނިދައާދޭ އެބަ." އެނދުގައި އޮށޯވެ ލޯމަރަލައިލައިގެން އޮވެ އަހަރެން ބުނީމެވެ.

އަހަރެން ނިދާކަށް އިނާޔާ ފުރުޞަތެއް ނުދިނެވެ. ދަމާ ނެގިއެވެ. އެންމެ ފަހުން ގެއިން ނުކުތީމެވެ. ހަމަ ނުކުންނައިރަށް ރަނގަޅުވިއެވެ. ގެއަށް ވަނުމުގެ ބަދަލުގައި އަހަރެން ގޮވައިގެން އިނާޔާ ދިޔައީ ފަންޑިތަ ހަދާ މީހާ ގާތަށެވެ. ފަންޑިތަވެރިޔާއާ ބައްދަލުވިއެވެ. އެއީ، އަހަންނާ ދާދި އެއް އުމުރެއްގެ އަންހެނެކެވެ. ފަންޑިތަވެރިޔާ ބޭނުންވީ އަހަރެންގެ ނަމެވެ. މަންމަގެ ނަމެވެ. މަޢުލޫމާތުތައް ދިނީމެވެ. ޝައްކުވާ މީހަކު ހުރިތޯ އެހިއެވެ. ހަމްދާންގެ ނަން ބުނީމެވެ. ފަންޑިތަވެރިޔާ ބުނީ ދެ ގަޑިއެއްހާއިރު ފަހުން އައުމަށެވެ. އަހަރުމެން ދިޔައީ ކޮފީޝޮޕަކަށެވެ. އެ ތަނުން ހަމްދާނާ ދިމާވިއެވެ. އަހަރެން އުޅުނީ ނުފެންނަކަމަށް ހަދާށެވެ. ހަމްދާނާ ބޮޑަށް ރައްޓެހީ އިނާޔާއެވެ.

"މީ މަގޭ ބިޓު!" އެކުގައި ހުރި އަންހެންކުއްޖާ ދައްކައިލައިފައި ހަމްދާން ބުންޏެވެ. "މެރީކުރަން މި އުޅެނީ. ތި ދެ ކުދިންނަށް ވެސް ކިޔާނަން. ވަރަށް ކުއްލިގޮތަކަށް ހުރިހާ ކަމެއް މި ހަމަޖެހުނީ. އަންނާތި!"

"އެއީ ކޮންކަމެއް؟" ހަމްދާން ދިއުމުން އަހަރެން އެހީމެވެ.

"ތެދެއްބާ؟" ގަބޫލު ނުކުރޭ ކަހަލަ ގޮތަކަށް އިނާޔާ ބުންޏެވެ.

ފަންޑިތަވެރިޔާ ގާތަށް ދިޔައީމެވެ. ވެގެންއުޅޭ ގޮތް ބުނާކަށް އޭނައަކަށް ނޭނގުނެވެ. އެހެންނަމަވެސް، އެއް ކަމެއް ކަށަވަރުކޮށްދިނެވެ.

"ތި ބުނާ ހަމްދާނެއް ނެތް ފަންޑިތައެއް ހަދައިފައެއް،" ފަންޑިތަވެރިޔާ ބުންޏެވެ. "އެއީ ހަމަ ޔަގީންކަމެއް. ދެން ޖެހޭނީ ބޮޑަށް ބަލައިލަން. ބަލައިލައިފަ އިނާޔާއަށް ގުޅާލާނަން. މަށަށް ބޭނުންވާނެ ހަފީގެ ހެދުމެއްގެ ތަންކޮޅެއް ނޫނީ ވަރިހަމަ ބޮލުން އިސްތަށިކޮޅެއް ގެނެސްދިނަސް."

ބޮލުގެ އިސްތަށި ދޭކަށް އަހަންނަކަށް ނުކެރުނެވެ. ގެއަށް އައިސް ހެދުމަކުން އެތިކޮޅެއް ކަފައިލައިފައި އިނާޔާ އަތަށް ދިނީމެވެ. އެ ރެއަކީ ބިރުވެރި ހުވަފެންތަކަކުން އަހަރެންގެ ނިންޖަށް އުނދަގޫކުރި ރެއެކެވެ. ކިތަންމެ ފަހަރަކު ސިއްސައިގެން ގޮސްފައި ހޭލެވެއެވެ. ދަންވަރު، ވަރަށް ހައިރާންކުރަނިވި ކަމަކާ ދިމާވިއެވެ. އެއް ފަހަރަކު އަހަންނަށް ހޭލެވުނުއިރު ހަމްދާން ހުރީ އަހަރެންގެ އެނދުގެ ފައިލާކޮޅުގައެވެ. ދެތިން ސިކުންތު ތެރޭގައި އޭނަ ގެއްލުނެވެ.

ދުވާލު ވެސް އަހަންނަށް ލިބުނީ ހައިރާންކުރަނިވި އެއްޗެކެވެ. ހަމްދާންގެ ކައިވެނީގެ ދަޢުވަތު ކާޑެވެ. ދެން ވެސް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެ ޕާޓީއަށް އަހަރެން ދިޔައީމެވެ. ވަރަށް ވިއްސާރަ ރެއެކެވެ. ހަމްދާން ކައިވެނި ކުރީ އަހަރުމެންނަށް ދެއްކި ކުއްޖާއާއެވެ. ވީއިރު އަހަންނަށް ކުރެވުނީ ކުށްހީއެއް ހެއްޔެވެ؟ އަހަރެންނަށް ދިމާވެގެންއުޅޭ އަސްލު މައްސަލައަކީ ކޮބައިހެއްޔެވެ؟ އަހަރުމެން ތިބީ ތަންކޮޅެއް ދުރުގައެވެ.

"މަށަށް ވަރަށް ހީވޭ ފޭކެއްހެން،" ހަމްދާނަށް ބަލަން އިނދެފައި އިނާޔާ ބުންޏެވެ. "މި ރޭ އެ ދެ މީހުން ކައިވެނި ކުރީ. އެކަމަކު ބަލައިލަބަލަ! ހަމްދާން އެންމެ ފަހަރަކު ވެސް އޭނަގެ އަންހެނުންގެ މޫނަށް ހީނލާފަ ބަލައިލިތަ؟"

އެ ޕާޓީން އަހަރުމެންނަށް ފެނުނީ އެ ކަހަލަ އެންމެ ކަމެއް ނޫނެވެ. ގިނަ ވަގުތު މީހުންނަށް މަރުޙަބާކިޔަން ހުރީ ހަމްދާން އެކަންޏެވެ. އަންހެންކުއްޖާ ހީނހީނފައި ވާހަކަދެއްކީ އެ ޕާޓީއަށް އައި އެހެން ފިރިހެންކުއްޖަކާއެވެ. އެ ކައިވެންޏަކީ އަހަރުމެންގެ ލޯމައްޗަށް ދައްކައިލި ދަޅައެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބެއް ނުލިބުނެވެ. އަހަރުމެންނަކަށް އެ ތަނުގައި މާ ގިނައިރަކު ނުވެސް ތިބެވުނެވެ. އިނާޔާއަށް ފަންޑިތަވެރިޔާގެ ފޯނުކޯލެއް އައެވެ. އެ ރޭ އައުމަށް އެދުނެވެ. ވަރަށް ފަސޭހައިން ޓެކްސީއެއް ލިބުނެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވެސް ލިބުނެވެ. އެ ގެއަށް ވަންއިރު ފަންޑިތަވެރިޔާ އިނީ އަހަރެން ދިން ފޮތިކޮޅު ހިފައިގެންނެވެ. އޭނަ ކުރިމަތީގައި، އަހަރެންގެ ހަޔާތުގައި ވެސް ދުށް އެންމެ މުސްކުޅި ފޮތް ހުޅުވައިލައިފައި އޮތެވެ.

"ކީކޭ މަ ބުނީ؟" ކުޑަކޮށް ހިތްހަމަނުޖެހިފައި އިން ފަންޑިތަވެރިޔާގެ ސުވާލު އަމާޒުވީ އަހަންނަށެވެ.

އޭނަ އެ ބުނާ އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ. ވުމާއެކު، ހައިރާންވެފައި ބަލަހައްޓައިގެން ހުރީމެވެ.

"މީ ކާކުގެ ހެދުމެއް؟" އަހަރެން ދިން ފޮތިކޮޅު ދައްކައިލައިފައި ފަންޑިތަވެރިޔާ ބުންޏެވެ.

"މަގޭ!" އަހަރެން ބުނީމެވެ.

ފަންޑިތަވެރިޔާ ގަބޫލެއް ނުކުރިއެވެ.

"މި ގޭގަ ހަފީ ތިއިނީ،" ފަންޑިތަވެރިޔާ ބުންޏެވެ. "އެކަމަކު މި ނުވާނެ ހަފީގެ ގެއަކަށް. ހަމަ އެ ގޮތަށް، މީހެއްގެ ހެދުމެއް ހަފީ ލާއިރަށް އެ ނުވާނެ ހަފީގެ ހެދުމަކަށް."

އަހަރެން ހަނދާންވިއެވެ. އެ ހެދުމަކީ އަހަރެންގެ ދަރިފުޅަށް ކުޑަވެގެން އަހަންނަށް ހެޔޮވަރު ކޮށްގެން އަހަރެން ލާ ހެދުމެކެވެ. ހިތަށްއެރިއެވެ. ފަންޑިތަވެރިންނަށް އެ ކަހަލަ ކަންކަން އެހާ ސީދާކޮށް އެނގެނީ ކިހިނެއް ހެއްޔެވެ؟

"މީ މައްސަލައަކީ،" ފަންޑިތަވެރިޔާ ބުންޏެވެ. "އިންސާނުންގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅަކީ ވެސް، އޭނަ ބޭނުންކޮށް އުޅޭ ހުރިހާ ސާމާނަކީ ވެސް އޭނަގެ ބާރެއް އުފުއްލާ އެއްޗެއް. އެ އެތި އޭނަގެ ހަށިގަނޑާ ގުޅިފަ ހުއްޓަސް ވަކިވެފަ ހުއްޓަސް ހެޔޮ. މިސާލަކަށް ތިމާގެ އިސްތަށްޓަކީ، ކޮންމެ ތާކު އޮތަސް ތިމާގެ ގައިން ބައެއް. ލައިއުޅޭ އަންނައުނު މީހަކަށް ދިނަސް، އެޔާ ތިމާޔާ ދެމެދު އޮތް ގުޅުމެއް ނުކެނޑޭނެ."

އަހަންނަށް ބަލައިލެވުނީ އިނާޔާގެ މޫނަށެވެ. ފަންޑިތަވެރިޔާ ދެއްކި ވާހަކަ ގަބޫލުކުރަން ފަސޭހަ ނުވީމައެވެ.

"އެއީ ކީއްވެ؟" އަހަރެން ސުވާލު ކުރީމެވެ.

"އެ ހެދުމަކީ، އެ މީހާއަށް ކަމުދިޔަ އެއްޗަކަށް ވީތީ،" ފޮތެއް ހުޅުވައިލައިފައި ގަނޑުތައް ހާވަމުން ފަންޑިތަވެރިޔާ ބުންޏެވެ. "އެ ހެދުމުގެ ކުލަޔާ، ޑިޒައިނަކީ ވެސް އޭނައަށް ކަމުދިޔަ އެއްޗެއް. އެ ބަލަހައްޓާ، އެ ރައްކާކޮށްގެން ގެންގުޅުނީ ވެސް އޭނަ. އެ ހެދުން ލީމަ އުފާވެފަ، ހަލާކުވެއްޖެއްޔާ ދެރަވާނީ ވެސް އޭނަ. އެހާ ކަމުދިޔަ އެއްޗެއް، އެހެން މީހަކަށް ދިނަސް، އޭނަ ދިރިހުރިހާ ދުވަހަކު އޭނަގެ ހަނދާން ރައްކާކޮށްދޭނެ. މީހެއްގެ އަމިއްލަ ނަމާ، ފޯނާ، ގަޑިއާ، ފޮޓޯއަކީ ވެސް މި ކަހަލަ އެއްޗެއް. އެކަމަކު، އެކި މީހުންގެ ގައިގަ މި ބާރު ހުންނާނީ އެކި ވަރަށް. މީ އިންސާނުންގެ ބުއްދިއާ، ހަކަތަޔާ، މުލައްދަނޑީގަ ހުންނަ ބާރު ކަހަލަ އެއްޗެއް. މި ފަހަރު ވެސް މި ދިމާވީ އެހެން. އެ ހެދުން ލާ ކުއްޖާގެ މިޒާޖުގަ ހުރި ސިފަތައް ހަފީއަށް އެ ލިބުނީ. ކަންނެތްކަމާ، ވަރުބަލިކަމާ، ނިންޖަކީ އެ ހެދުމުގެ ވެރިމީހާގެ ހުރި މިޒާޖު."

އަހަރެން ވިސްނައިލީމެވެ. އެއީ، ދެކޮޅުހެދެން ނެތް ޙަޤީޤަތަކެކެވެ. އަހަންނަށް ލިބުނީ ރީނާގެ ހުރި ސިފަތަކެވެ. ފަންޑިތަވެރިޔާ ބުނިފަދައިން އަހަންނަށް އެ ކަން ދިމާވަނީ، ގެއަށް އައިސް ރީނާގެ ހެދުން ލީމައެވެ. ފެންވަރައިގެން ނުކުމެފައި އެ ހެދުމެއް ނުލަމެވެ. ބޭރަށްދާއިރަކު ވެސް އެ ހެދުމެއް ނުލަމެވެ. ރަނގަޅުވަނީ އެހެންވެއެވެ. ފަންޑިތަވެރިޔާ ބުނިގޮތުގައި، ފަންޑިތަހަދަން ވެސް އެ ފަދަ އެއްޗެއް ބޭނުންވަނީ އެހެންވެއެވެ. އެ މެދުވެރިކޮށްގެން އޭގެ ވެރިމީހާއަށް ބާރުފޯނުވޭނެއެވެ.

އެ ދުވަހުގެ ފަހުން އެ ހެދުމެއް އަހަރެން ނުލަމެވެ. ހަމަ އެހެންމެ، ކުރިން ދިމާވި ކަންތައްތައް ވެސް އެ ހިސާބުން ހުއްޓުނެވެ. މިއީ، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ