11 މެއި 2017 - 15:20

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް އިއްޔެ އެ ސްކޫލުގައި މާރާމާރީ ހިންގައި ކުއްޖަކު ޒަހަަމްކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނިގޮތުގައި އެ ސްކޫލުގައި އިއްޔެ ހިންގި މާރާމާރީގެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ ފުލުހުން އިތުރު މައުލޫމާތެއް ނުދެ އެވެ.
މި މާރަމާރީގައި ޒަހަމްވީ އެ ސްކޫލުގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކެވެ. އެނގިފައިވާ ގޮތުގައި މާރާމާރި ހިންގީ އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ 12 ވަރަކަށް ދަރިވަރުންގެ ގްރޫޕަކުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިނގީ އަނިޔާ ލިބުނު ދަރިވަރު އެއްލި ކްރިކެޓް ބޯޅައަކުން އެ "ގްރޫޕް"ގެ ކުއްޖެއްގެ ދަތްދޮޅީގައި ޖެހުމުންނެވެ.
މި ހާދިސާގައި އަނިޔާވި ކުއްޖާ އަށް ވަނީ އައިޖީއެމްއެޗުން ފަރުވާ ދީފަ އެވެ. ލިބުނީ ކޮން ކަހަލަ ޒަހަމްތަކެއްކަން އަދި ވަނީ ސާފު ނުވެފަ އެވެ. މިކަމާ ބެހޭ ގޮތުން ސްކޫލުން ވެސް ވާހަކައެއް ނުދެއްކި އެވެ.