ފީފާގެ ހާއްސަ މެޗުގައި ދުނިޔޭގެ ފުޓްބޯޅަ ތަރިންނާ އެކު ބައްސާމް
ފީފާގެ ހާއްސަ މެޗުގައި ދުނިޔޭގެ ފުޓްބޯޅަ ތަރިންނާ އެކު ބައްސާމް

އޭނާ އުފަންވީ ފުޓްބޯޅައިގެ ގެއަކަށެވެ. ބޮޑުވަމުން އައީ ބައްޕަ އަދީލް ޖަލީލް ހިންގެވި ކްލަބް ވެލެންސިއާގެ ރަން ޒަމާނުގަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި ތޮއްޑޫ މުހައްމަދު ނިޒާމާއި އައްސަދު އަބްދުލްގަނީ ފަދަ ކުޅުންތެރިންނާ އެކު ހަންގޭރީގެ ލާސްލޯ ކިސްގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ އަށް ދެހާހުގެ އަހަރުތަކުގައި ކުޅުއްވި އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހެދި ކުޅުންތެރިއެއްގެ ގޮތުގައި މާ އުހަށް ނުދެވުނެވެ.

ފީފާގެ ހާއްސަ މެޗުގައި ދުނިޔޭގެ ފުޓްބޯޅަ ތަރިންނާ އެކު ބައްސާމް
ފީފާގެ ހާއްސަ މެޗުގައި ދުނިޔޭގެ ފުޓްބޯޅަ ތަރިންނާ އެކު ބައްސާމް

އެއަށް ފަހު ޒުވާން އުމުރުގައި އޭނާ ފެނުނީ ވެލެންސިއާ ހިންގެވުމާ ހަވާލުވިތަނެވެ. ވަޅުޖެހިފައި އޮތް ވެލެންސިއާ ކޮޅަށް ޖަހަން ވައިސް ޗެއާމަނެއްގެ ހައިސިއްޔަތުން ފެށި މަސައްކަތުގައި، ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަމައަށް ވަޑައިގަތެވެ. އެއަށް ފަހު އެންމެ ޒުވާން ރައީސްގެ ގޮތުގައި މިދިޔަ އަހަރު އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތެވެ.

ފީފާގެ ހާއްސަ މެޗުގައި ދުނިޔޭގެ ފުޓްބޯޅަ ތަރިންނާ އެކު ބައްސާމް
ފީފާގެ ހާއްސަ މެޗުގައި ދުނިޔޭގެ ފުޓްބޯޅަ ތަރިންނާ އެކު ބައްސާމް

އިއްޔެ އަކީ ފުޓްބޯޅައަށް އިންތިހާއަށް ލޯބި ހުންނަ ޒުވާން ބައްސާމަށް ހަނދާނުން ފޮހެލަން އުނދަގޫވާނެ، ތާރީހީ ދުވަހެކެވެ. އޭނާގެ ޅަދުވަސްވަރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި ފިޔަޖެހި ފުޓްބޯޅަ ތަރިންނާ އެކު ކުޅުމުގެ ފުރުސަތު ލިބުނީ އެވެ.

ބަހުރޭނުގެ މަނާމާގައި މިއަދު ފަށާ 67 ވަނަ ފީފާ ކޮންގްރެސްގެ ކުރިން ފީފާ އިން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި އެކުވެރިކަމުގެ މިނީ ފުޓްބޯޅަ މުބާރާތުގައި ބައްސާމް ވަނީ އޭއެފްސީ ޓީމަށް ކުޅުއްވައިފަ އެވެ.

"އާދާޔާހިލާފު ތަޖުރިބާއެއް މިއީ،" ބައްސާމް ވިދާޅުވި އެވެ.

މިއީ ކޮންގްރެސްގެ ކުރިން އެންމެން އެއްވެލާ އެކުވެރިކަން އާލާކޮށްލަން ފީފާ އިން ރޭވި މުބާރާތެކެވެ. އޭއެފްސީ ޓީމަށް ބައްސާމާ އެކު ހިމެނުނު ކުރީގެ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑާއި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއި ވޯލްޑް ކަޕުގެ ތާރީހުގައި ފެނިގެން ދިޔަ އެންމެ މޮޅު އެއް ގޯލް 1994 ވަނަ އަހަރު ބެލްޖިއަމް ކޮޅަށް ޖެހި ސައުދީ އަރަބިއާގެ މިޑްފީލްޑަރު ސައީދު އަލް-އޮވަރިން އަދި ޗައިނާގެ އަންހެން ފުޓްބޯޅަ ތަރި ހަން ޑުއާން ހިމެނެ އެވެ. މީގެ އިތުރުން އޭއެފްސީގެ ރައީސް ޝޭހު ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އާއި ފީފާގެ ކުރީގެ ނައިބް ރައީސް ޕްރިންސް އަލީ އަލީ ބިން އަލް ހުސެއިން ހިމެނިވަޑައިގަތެވެ.

ބައްސާމުގެ އޭއެފްސީ ޓީމުން ވަނީ ފީފާ ޓީމު އަތުން 4-2 އިން މޮޅުވެފަ އެވެ. ފީފާ ޓީމުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި އޭސީ މިލާނާއި ކްރޮއޭޝިއާގެ ކުރީގެ ތަރި ބޮބާން އަދި ފީފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ އެވޯޑް ހާސިލްކޮށްފައިވާ އެމެރިކާގެ ކާލީ ލޮއިޑް ހިމެނުނެވެ.

"އަހަރެން ބޮޑުވަމުން އައިއިރު އަހަރެން ސަޕޯޓްކުރި ލެޖެންޑުނާ އެކު އެއް ދަނޑެއްގައި ކުޅެލެވުމަކީ ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް،" ބައްސާމް ބުންޏެވެ.

ފީފާ އާއި ޔުއެފާގެ އިތުރުން ދުނިޔޭގެ ބައްރުތަކުގެ ފުޓްބޯޅަ ޖަމިއްޔާތަކުގެ ޓީމުތައް ވާދަކުރި މި މުބާރާތުގެ ތަށި ހޯދީ ޔުއެފާގެ ޓީމެވެ. ޓީމުތަކަށް ކުޅުނު އެހެން މަޝްހޫރު ތަރިންގެ ތެރޭގައި އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އާއި ކޮލަމްބިއާގެ ކާލޯސް ވަލްޑްރޭމާ އާއި ބްރެޒިލަށް 2002 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ކަފޫ އަދި ނައިޖީރިއާގެ ޖޭ-ޖޭ އޮކޯޗާ ހިމެނެ އެވެ. ކުރީގެ އެއް ވަނަ ރެފްރީ އިޓަލީގެ ޕިއަރްލުއިޖީ ކޮލީނާ ވެސް ބައިވެރިވި އެވެ.

ބައްސާމަކީ މުޅި ދުނިޔެއަށް ބެލިޔަސް ފުޓްބޯޅަ އެސޯސިއޭޝަނެއްގެ ރައީސްކަން ކުރައްވާ އެންމެ ޒުވާން އެއް ރައީސެވެ. ފީފާގެ ޝަރަފްވެރި ހަރަކާތްތަކުގައި ބައިވެރިވެ، އޭނާ އާއި ދުނިޔޭގެ ފުޓްބޯޅައިގެ އިސް ސަފުގައި ތިބި ފަރާތްތަކާ އަންނަނީ ގުޅުން ބަދަހިވަމުންނެވެ. މިއީ ދިވެހި ފުޓްބޯޅައަށް އެތަކެއް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ.