ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ އީޔޫގައި ޝަކުވާކޮށްފި
ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ އީޔޫގައި ޝަކުވާކޮށްފި

ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ޖާގަ އިދިކޮޅު ޕާޓީތަކަށް ނެތް ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންގެ ކަންބޮޑުވުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބައެއް މެމްބަރުންނާ ހިއްސާކޮށްފި އެވެ.

ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ އީޔޫގައި ޝަކުވާކޮށްފި
ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ އީޔޫގައި ޝަކުވާކޮށްފި

މި ވަފްދުގައި އިސްކޮށް ހުންނެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި އީޔޫގެ މެމްބަރުންނާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމާއި އިދިކޮޅު ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރި ހުރަސްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ އީޔޫގައި ޝަކުވާކޮށްފި
ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ އީޔޫގައި ޝަކުވާކޮށްފި

މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޝާހިދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމާއި ޖުމްހޫރީ ޕާޓީން ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދެވެ.

ބްރަސެލްސްގައި ހުންނަވައި "މިހާރު" އަށް ޝާހިދު ވިދާޅުވީ އީޔޫ އިން ގޮވާލި ގޮވާލުންތަކަށް ސަރުކާރުން އަދިވެސް އިޖާބަނުދޭތީ އެކަމުގެ މައުލޫމާތު މެމްބަރުންނާ ހިއްސާ ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އީޔޫ އިން ވަނީ ސިޔާސީ ގޮތުން ރާއްޖެ އަށް ހަމަޖެހުން ގެނައުމަށް މަޝްވަރާ ކުރުމަށާއި އިދިކޮޅު ލީޑަރުން ދޫކޮށްލުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ޖާގަ ދިނުމަށް މީގެ ކުރިން ގޮވާލައިފަ އެވެ.

"އެކަމަކު ކަންކަން މި ދަނީ ގޯހުން ގޯހަށް. ނޫސްވެރިންނަށް ނުރައްކާތެރި އެތައް ހާލަތެއް ކުރިމަތި އެބަވޭ. ނޫސްވެރިންނަށް އަދަބު ދެވިގެން ދަނީ. ރާއްޖެ ވަނީ ވަރަށް ބޮޑު ތަން ފަހަތަށް ގޮސްފައި،" ރަހުމު ކުޑަ ގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ލިބިފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން ލަސް ކުރަމުން އަންނާތީ އެކަން ވެސް މެމްބަރުންގެ ސަމާލު ކަމަށް ގެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން ސަރުކާރަށް ހަޖަމު ނުކުރެވިގެން ކުންފުނިތަކުގެ މުވައްޒަފުން ދަނީ ވަޒީފާ އިން ވަކި ކުރަމުންނެވެ.

"މި ކަންކަން އެ ބޭފުޅުން ވެސް ވަރަށް ކައިރިން ބައްލަވާ އެބަ. އަޅުގަނޑުމެން އުންމީދު ކުރަނީ މި ކުރާ މަސައްކަތުގެ ނަތީޖާ އަވަސް ގޮތެއްގައި ފެނިގެންދާނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުގެ "ހުތުރު މޫނު" ރީތި ކުރުމުގެ މަސައްކަތް ދައުލަތުގެ ފައިސާ އިން ދަނީ ކުރަމުންނެވެ. އެކަމަކު ސަރުކާރުގެ "މޫނު އޮތީ ރީތި ކުރެވޭ ވަރަށް ވުރެ ހުތުރުކޮށް" ކަމަށާއި ސަރުކާރަށް އޮތީ ރައްޔިތުންގެ އަޑު އެހުން ކަމަށް އޭނާ ވިދާޅުވި އެވެ.