11 މެއި 2017 - 10:31

ދިމިޝްގު (މެއި 11) - ސީރިއާގެ މުހިންމު ސިޓީއެއް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ހިފައިފި އެވެ.

ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާގެ ހުޅަނގުން 25 މޭލު ދުރުގައި އޮންނަ ތަބްގާ ހިފާފައިވާ ކަމަށެވެ.
އައިއެސްގެ ބާރުގެ ދަށުން ސީރިއާގެ މުހިންމު ރަށެއް ހިފި އިރު ކާޑިޝް ޕޮޕިއުލާ ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) އަށް ހަތިޔާރު ދިނުމަށް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އެމެރިކާގެ މި ނިންމުމަށް ތުރުކީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ވައިޕީޖީ އަކީ ތުރުކީގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަސައްކަތް ކުރާ ކުރްދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ގުޅިފައި އޮންނަ ޖަމާއަތެކެވެ. ޕީކޭކޭ އަކީ ތުރުކީގައި މަނާކޮށްފައިވާ ޖަމާއަތެކެވެ.
އެސްޑީއެފުން ބުނީ ތަބްގާ ހިފުމުން ރައްގާ އަށް ވަނުމަށް އިތުރު މަގެއް ހުޅުވޭނެ ކަމަށެވެ. ތަބްގާ ހިފުމަށް އެސްޑީއެފުން ހަމަލާތައް ދޭތާ ހަފުތާތަކެއް ވެއްޖެ އެވެ.