11 މެއި 2017 - 09:54

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން އަފްގާނިސްތާނާ ދެކޮޅަށް ދުބާއީގައި އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި މެޗު ކުޅޭނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ. ބޫޓާނާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗު އޮންނާނީ ޖޫން 13 ވަނަ ދުވަހު އެވެ. އެފްއޭއެމުން ބުނީ ގައުމީ ޓީމުގެ ތައްޔާރީތަކާ ގުޅޭ އެހެން އިންތިޒާމްތައް ގައުމީ ޓީމް ކޮމިޓީން ހަމަޖައްސަމުން އަންނަ ކަމަށެވެ.
ރާއްޖެ އާއި އަފްގާނިސްތާން އެންމެ ފަހުން ބައްދަލުކުރީ 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕުގަ އެވެ. ދެ ޓީމަށް ވެސް ސެމީ ފައިނަލް ކަށަވަރުވެފައި އޮއްވާ ކުޅުނު އެ މެޗު އަފްގާނިސްތާން ކާމިޔާބުކުރީ 4-1 އިންނެވެ. އޭގެ ކުރިން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖެ ވަނީ ޕެނަލްޓީ ޖަހައިގެން އަފްގާނިސްތާން ބަލިކޮށްފަ އެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރި މެޗުގައި 2005 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ 9-1 އިން މޮޅުވެފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން މާލޭގައި 3-0 އިން ވަނީ ބަލިވެފަ އެވެ. އޮމާން ވަނީ ފުރަތަމަ މެޗުން ބޫޓާން އަތުން 14-0 އިން މޮޅުވެފަ އެވެ. އޮމާނާއި ފަލަސްތީނަށް ހަ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ އޮމާނެވެ.
އަންނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ހޯމް އެންޑް އަވޭ އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.