11 މެއި 2017 - 10:49

އއ. އުކުޅަހުގައި ވިލާ ކޮލެޖުގެ ކޯސްތައް ފަށަން ނިންމައިފި އެވެ.

ވިލާ ކޮލެޖުން ހިންގާ މަތީ ތައުލީމުގެ އެކި ދާއިރާތަކުގެ ކޯސްތައް އުކުޅަހުގައި ހިންގުމުގެ އެއްބަސްވުމުގައި އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމާއި ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވަނީ މިދިޔަ އަންގާރަ ދުވަހު ސޮއިކުރައްވައިފަ އެވެ.
ވިލާ ކޮލެޖުން ބުނީ އަންނަ ސެޕްޓެމްބަރު މަހު އުކުޅަހުގައި ކޯސްތައް ފަށާނެ ކަމަށެވެ. އަދި އެ ކޯސްތަކަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެކަމުގެ މައުލޫމާތު ދިނުމަށް އުކުޅަހާއި ކައިރި ރަށްރަށުގައި ވެސް ހަރަކާތްތައް ހިންގާނެ ކަމަށް ބުންޏެވެ.
އުކުޅަހުގައި ކޯސްތައް ހިންގަނީ ކައުންސިލުން ހަމަޖައްސާ އިމާރާތެއްގަ އެވެ.
ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ނަޖީބު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަރު ރަނގަޅު މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކޮލެޖުގެ އެއް ބޭނުން ކަމަށެވެ. އެހެންކަމުން މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގައި ހިންގާ ކޯސްތައް ވެސް، އުކުޅަހުގައި ޑިމާންޑް އޮތް ވަރަކުން ކުރިއަށްގެންދާނެ ކަމަށް ނަޖީބު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބެގެން މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި 2007 ވަނަ އަހަރު އުފެއްދި ވިލާ ކޮލެޖުން މާލޭގެ އިތުރުން ރާއްޖޭގެ 16 ސަރަހައްދެއްގައި ކާމިޔާބުކަމާއެކު ކޯސްތައް ކުރިއަށްގެންދެ އެެވެ.