12 މެއި 2017 - 07:38

މާވެލްގެ ސްޕަހީރޯ ފިލްމް "ޑެޑްޕޫލް" އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލްވި ފިލްމެކެވެ. ރަޔަން ރޭނޮލްޑްސް ޓައިޓްލް ރޯލުން ފެނިގެންދާ މި ފިލްމް ބެލުންތެރިންނާ ހަމައަށް އައީ މިދިޔަ އަހަރު އެވެ.
މީގެ ދެވަނަ ބައި އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ.
އެކަމަކު މި ފަހަރު ދައްކަން މި އުޅެނީ އެ ފިލްމުގެ ވާހަކައެއް ނޫނެވެ. "ޑެޑްޕޫލް" މުޅިން އެހެން ވައްތަރަކަށް ބެލުންތެރިންނާ ހަމައަށް އަންނަ ވާހަކަ އެވެ. މީގެ އެނިމޭޓެޑް ވާޝަން ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގޭގެ ސިޓިންރޫމްތަކާ ހަމައަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
"ޑެޑްޕޫލް" ގެ އެނިމޭޓެޑް ވާޝަން ޓީވީއަށް ގެނެސް ދެނީ ގޯލްޑެން ގްލޯބް ހާސިލްކޮށްފައިވާ ކޮމެޑީ ސިިލްސިލާ "އެޓްލާންޓާ" ގެ މޭސްތިރިޔާ ޑޮނަލްޑް ގްލޯވާ އާއި އޭނާގެ ބޭބެ އަދި ލިޔުންތެރިޔާ ސްޓެފެން ގްލޯވާ އެވެ. "އެޓްލާންޓާ" ވެސް ލިޔުނީ އެވެ.
އެ މީހުން ބުނެފައިވާ ގޮތުގައި "ޑެޑްޕޫޕް" ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގެނެސްދޭ އިރު، މީގެ ފުރަތަމަ ސީޒަން އެކުލެވިގެން ވާނީ 10 އެޕިސޯޑެވެ. އެހެން ނަމަވެސް ހަދަން ނިންމާފައި ވަނީ ކިތައް ސީޒަން ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ޑެޑްޕޫލް" ސިލްސިލާ ގެނެސް ދެނީ މާވެލްގެ ހިއްސާ އޮންނަ އެފްއެކްސްއެކްސް އިންނެވެ.
އަންނަ އަހަރުގެ ތެރޭގައި "ޑެޑްޕޫލް" އެނިމޭޓެޑް ސިލްސިލާ ބެލުންތެރިންނާ ހަމައަށް ގެންނަ އިރު، އެއަށް ދޭނެ ނަމެއް ވެސް ރަސްމީކޮށް އަދި ނުނިންމަ އެވެ.
ޕްރޮޑިއުސަރު ޖެފް ލޮއެބް ބުނީ "ޑެޑްޕޫލް" ގެ އެނިމޭޓެޑް ސިލްސިލާވެގެން ދާނީ ބޮޑެތި މީހުން މޮޔަކޮށްލާ ވަރުގެ އެއްޗަކަށެވެ. އަދި އެންމެ އުފާވާ ކަމަކީ އޭތި އުފެއްދުމުގައި ވަރުގަދަ ޓީމެއް އޮތުން ކަމަށް ބުންޏެވެ.
"މީގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް މިހާރު ކުރިއަށް އެބަދޭ. އެކަމަކު މީގެ ކެރެކްޓާތަކަށް އަޑު އަޅައި ދޭނެ މީހުންނެއް އަދި ނުނިންމަން،" ޖެފް ބުންޏެވެ.
ޓޮމް މިލާ ޑައިރެކްޓްކޮށް، ޖެނުއަރީ 21، 2016 ގައި ސިނަމާތަކަށް އައި "ޑެޑްޕޫލް" އަށް ބޮކްސް އޮފީހުގައި 760.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
އެ ފިލްމުގެ އަވާގައި ޖެހުނު މީހުން މިހާރު އަންނަނީ އަންނަ އަހަރު ރިލީޒް ކުރާ މީގެ ދެވަނަ އަށް ބަޔަށް ކަޅި އަޅަމުންނެވެ.
ޑޭވިޑް ލެއިޗް ޑައިރެކްޓް ކުރާ "ޑެޑްޕޫލް 2" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ ޖޫން 1، 2018 ގަ އެވެ.