ބޭކާރު ހޭދައަށް ވުރެ ހިއްސާ ގަތުން މާ ފައިދާ ބޮޑު
ބޭކާރު ހޭދައަށް ވުރެ ހިއްސާ ގަތުން މާ ފައިދާ ބޮޑު

ދުވާލަކު ކޮފީއަށް ނުވަތަ ސަޔަށް ކިތައް ރުފިޔާ ހޭދަކުރަން ހެއްޔެވެ؟ ޓެކްސީގައި ދަތުރުކުރަން މަހަކު ކިހާ ވަރެއް ހޭދަކުރަން ހެއްޔެވެ؟ މަސް ނިމޭއިރު އެކައުންޓްގައި ބާކީ އެއްޗެއް ހުރޭ ހެއްޔެވެ؟ މިއީ ކޮންމެ މީހަކު ވެސް އަމިއްލައަށް ކޮށްލަން ރަނގަޅު ސުވާލުތަކެވެ. ގިނަ ދިވެހިންގެ ދިރިއުޅުމުގެ ވައްޓާފާޅި ހުންނަ ގޮތުން ބޭކާރު ގޮތުގައި ކުރާ ހޭދަ ވަރަށް ބޮޑެވެ.

ބޭކާރު ހޭދައަށް ވުރެ ހިއްސާ ގަތުން މާ ފައިދާ ބޮޑު
ބޭކާރު ހޭދައަށް ވުރެ ހިއްސާ ގަތުން މާ ފައިދާ ބޮޑު

ފަހަކަށް އައިސް ޒުވާނުން އެންމެ ގިނައިން ފައިސާ ހޭދަކުރަނީ ކޮފީ ނުވަތަ ސަޔަށެވެ. ގޭގައި ކައްކާފައި ހުއްޓަސް ގިނަ މީހުން ހިތްހަމަޖެހެނީ ރައްޓެހިންނާ އެކީ ކޮފީއެއް ބޯލައިގެންނެވެ. އެކަމަށް މަހަކު ހޭދަކުރެވެނީ ކިހާ ވަރެއްކަން ގިނަ މީހުންނަށް ބެލިފައެއްނޯވެ އެވެ. އޭގެ އިތުރުން ޓެކްސީގައި ތަންތަނަށް ދަތުރުކުރުމަކީ ވެސް އާއްމު ކަމެކެވެ. އޮފީހަށާއި އެނޫން ވެސް ބޭނުންތަކުގައި ގިނަ ބަޔަކު ޓެކްސީ ދަތުރުކުރެ އެވެ. ފަހަކަށް އައިސް ގިނަ އަންހެންނާއި ފިރިހެނުން ސައިކަލް ގެންގުޅުނު ނަމަވެސް، މާލެ ކަހަލަ ކުޑަ ތަނެއްގައި، ޓެކްސީގައި ދަތުރުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ.

ބޭކާރު ހޭދައަށް ވުރެ ހިއްސާ ގަތުން މާ ފައިދާ ބޮޑު
ބޭކާރު ހޭދައަށް ވުރެ ހިއްސާ ގަތުން މާ ފައިދާ ބޮޑު

ދިވެހިންނަކީ ބޭކާރު ހަރަދުތައް ގިނަ އަދި ފަހަށް ރައްކާކުރުމުގެ އާދަ ވަރަށް ކުޑަ ބައެއް ކަމަށް، އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. މަހުގެ ފަހުކޮޅަށް ދާއިރު ގިނަ މީހުންގެ ވޮލެޓް އޮންނާނީ ހުސްކޮށެވެ. ދެން ޖެހެނީ ކޮންމެވެސް ރައްޓެއްސެއްގެ އަތުން ފަހުން ދައްކާ ގޮތަށް ފައިސާ ހޯދާށެވެ.

ފަހަށް ރައްކާނުކުރެވި، ހުރިހާ އެއްޗެއް ވަގުތީ އުފަލަށް ނުވަތަ ފަސޭހަޔަކަށް ހޭދަކޮށްލުމުގެ އެއް ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނަނީ ހޭލުންތެރިކަން ކުޑަވުމާއި ރަނގަޅު ފައިދާއެއް ލިބޭ ސޭވިން ފަންޑެއް ނެތުމާއި ނުވަތަ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ކުޑަވުމެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ގިނަ މީހުންނަކަށް ނޭނގޭނެ މަހަކު ކޮފީއަށާއި ޓެކްސީއަށް ކުރެވޭ ހޭދައެއް. އެ ފައިސާއިން ހިއްސާކޮޅެއް ގަނެފައި ބަހައްޓާ ނަމަ ކޮންމެ އަހަރަކު ވެސް ކޮންމެވެސް މިންވަރެއްގެ ފައިދާއެއް ލިބޭނެ. އަދި ދިހަވަރަކަށް އަހަރު ވާއިރު ފުދޭވަރެއްގެ ރަނގަޅު އެއްޗެއް ރައްކާކުރެވިފައި ހުންނާނެ. ހަމަ ގައިމު ވެސް ބޭންކެއްގައި ބެހެއްޓުމަށް ވުރެ ރަނގަޅު ފައިދާ ލިބޭނެ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހަށް ފައިސާ ރައްކާކުރުމުގެ ގޮތުން ބޭންކް އެކައުންޓެއްގައި ބެހެެއްޓުމަށް ވުރެ ހިއްސާ ގަތުމުން ލިބޭ ފައިދާ އެތައް ގުނައެއް ބޮޑުވާނެ ކަމަށެވެ.

"ރާއްޖޭގެ ގިނަ ކުންފުނިތަކުން މިހާރު ފުދޭ ވަރެއްގެ ރަނގަޅު ފައިދާއެއް ކޮންމެ އަހަރަކު ވެސް ހިއްސާދާރުންނަށް ބަހަމުން ގެންދޭ. އެ ފައިސާ ބޭނުން ނުކޮށް ދިހަވަރަކަށް އަހަރު ދުވަހު ބަހައްޓައިފި ނަމަ އެކަށީގެންވާ ރަނގަޅު މިންވަރެއް ހުންނާނެ ރައްކާކުރެވިފައި. ދެން އެ ފައިސާ އަލުން އެހެން ކަމަކަށް އިންވެސްޓް ވެސް ކުރެވިދާނެ. ނުވަތަ އެ ހިއްސާ ގަތް އަގަށް ވުރެ ބޮޑު އަގުގައި ވިއްކާލައިގެން ވެސް ފައިދާ ހޯދިދާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ޕަބްލިކް ކުންފުންޏެއްގެ ބޯޑު މެމްބަރަކު ވިދާޅުވީ ރާއްޖޭގައި ހިއްސާ ގަތުމުގެ ޝައުގު ބޮޑުކުރަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މިހާރަށް ވުރެ ބޮޑަށް އާއްމުން ހޭލުންތެރިކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ކިތަންމެ މަދު ކުންފުންޏެއް ލިސްޓްކޮށްފައި ހުރި ނަމަވެސް ގިނަ ކުންފުނިތަކަކީ މާލީ ގޮތުން ރަނގަޅު ނަތީޖާ ނެރޭ ކުންފުނިތަކެއް. މީގެ ދިހަވަރަކަށް އަހަރު ކުރިން ލިބުނު ފައިދާއެއް ނޫން މިހާރު ލިބެނީ. އެތައް ގުުނައެއް އިތުރުވެ، ހިއްސާދާރުންނަށް ބަހާ މިންވަރު ވެސް ވަރަށް ބޮޑުތަން އިތުރުވެއްޖެ. މިކަންކަން ދިރާސާކުރާ މީހުންނަށް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

ހިއްސާ ގަނެގެން ފަހަށް ރައްކާކުރުމުގެ ފުރުސަތު ރާއްޖޭގައި މިހާރު ދަނީ ވަރަށް ބޮޑަށް ހުޅުވެމުންނެވެ. އެގޮތުން އަމިއްލަ އަދި ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ލިސްޓްކޮށް، ހިއްސާ ވިއްކަން ވަނީ ފަށައިފަ އެވެ. އޭގެ އެންމެ ފަހު މިސާލަކީ މުވާސަލާތީ ޚިދުމަތުގައި ދުނިޔޭގައި ވެސް ފާހަގަކުރެވޭ އުރީދޫ އެވެ. އުރީދޫ މޯލްޑިވްސްގެ ހިއްސާ މިހާރު އަންނަނީ ވިއްކަމުންނެވެ.

"ގިނަ މީހުންނަށް ހީވެފައި އޮންނަނީ ހިއްސާ ގަނެ ވިއްކޭނީ ވަރަށް މުއްސަނދިންނަށް ކަމަށް. އެކަމަކު އެއީ މުޅިން ކުށް ހީއެއް. ހިއްސާ ގަނެ ވިއްކަން އެއް ފަހަރާ މާ ގިނަ ހިއްސާ ގަންނާކަށް ނުޖެހޭ. ކޮންމެ މަހަކު ވެސް ވަކި ވަރެއް ގަނެ ރައްކާކުރަން ފުރަތަމަ ފަށަންވީ. އަދި ހިއްސާ ގެންގުޅޭ މީހުން ވެސް ވިއްކާލާ މިންވަރު އިތުރުވާ ނަމަ ގަންނަން މީހުންނަށް ފުރުސަތު ލިބޭނެ،" ކުންފުންޏެއްގެ ބޯޑު މެމްބަރަކު ވިދާޅުވި އެވެ.

ހިއްސާ ގަތުމުގެ އާދަ ދިވެހިންގެ ތެރޭގައި ބޮޑުވެއްޖެ ނަމަ ބޭކާރު ހޭދަތައް ކުޑަކޮށް، ކުރިމަގަށް ރަނގަޅު ބިންގަލެއް އެޅުމުގެ މަގު ފަހިވާނެ އެވެ. މިއަދު ހަމައެކަނި މަޖަލަކަށް ކޮފީއަކަށް ހޭދަކުރާ ފައިސާ މުސްތަގުބަލަށް އިންވެސްޓްކުރުމުގެ އުފާ މުޅި އުމުރަށް ލިބުން ކައިރި އެވެ.