20 ޖޫން 2016 - 08:07

ފުރިހަމަ ސްޓައިލަކަށް ހެދުން ލާން ބޭނުން ނަމަ ހޯދަން ޖެހެނީ އެންމެ ފަހުގެ އަގު ބޮޑު ހެދުމާއި އެކްސެސަރީޒެއް ނޫނެވެ. ނަމަވެސް ވަރަށް ފަސޭހަ އަދި ޖީބަށް ލުއި ގޮތަކަށް ވެސް ރީތި ސްޓައިލަކަށް ހެދުން ލެވިދާނެ އެވެ.

އެންމެ ސިމްޕަލްކޮށް ހުންނަ ހެދުމުގެ ބާވަތްތަކުން އެ މީހެއްގެ ސްޓައިލަށް ބޮޑު ބަދަލެއް ގެނެވޭނެ އެވެ. ހުދު ގިރުވާންލީ އާދައިގެ ގަމީހަކީ މީގެ ތެރެއިން އެއް ވައްތަރެވެ.
ފަސޭހައިން ލިބޭ މި ގަމީހަކީ ކޮންމެ ވައްތަރެއްގެ ތިރިއެއް، ޖިންސެއް، ފަޓުލޫނެއް ނުވަތަ ސްކާޓަކާ އެކުގައި ވެސް އަދި އެކި ކުލަތަކާ ވެސް ގުޅުވާލެވޭނެ މައްޗެކެވެ. އޮފީހަށް ނުވަތަ ބައްދަލުވުމަކަށްދާ ނަމަ ހުދު ގަމީހެއްގެ އަތް ރީތިކޮށް އޮޅާލުމަށް ފަހު ގަދަ ނޫ ޑެނިމް ޖިންސަކާއި ކަޅު ހީލްސް އަށް އަރާލުމުން ވަރަށް ޒަމާނީ އަދި ނަލަ ސްޓައިލަކަށްވާނެ އެވެ.
ހުދު ގަމީހަކީ ގިނަ މުނާސަބަތުތަކަށް ލެވޭނެ އަދި ކޮންމެ ޒަމާނަކަށް ވެސް ފެތޭނެ މައްޗެކެވެ. ނަމަވެސް، ހުދު ގަމީހެއް ގަތުމުގެ ކުރިން ނުވަތަ ފަހަން ދޭ ނަމަ އެމީހެއްގެ ހަށިގަނޑަށް ހެޔޮވަރުކޮށް ފިޓުވާން ޖެހޭނެ އެވެ. އަދި މާބޮޑަށް ދޫ ނުވަތަ ބާރު ވެގެން ނުވާނެ އެވެ.