10 މެއި 2017 - 18:01

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ވީއެޕްޕީގެ ނޫސްވެރިޔާ މިސްބާހު އައްބާސް ވަކި ނުކުރަން މިއަދު ނިންމައިފި އެވެ.
މިސްބާހް އެމްއެމްސީން ވަކިކުރުމަށް އެ ކައުންސިލްގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރީ، ކައުންސިލްގެ ޖަލްސާތަކަށް އޭނާ ހާޒިރު ނުވާތީ، މިސްބާހާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށެވެ.
މިދިޔަ ޑިސެމްބަރުމަހު އިންތިހާބުކުރި މީޑިއާ ކައުންސިލުން ބުނެފައި ވަނީ، މިސްބާހު އެ ކައުންސިލްގެ މެމްބަރުކަމުން ވަކިކުރާނެތޯ ނުވަތަ އެކަމާ ގުޅޭ ގޮތުން އިތުރަށް ދިރާސާ ކުރަން ފެނޭތޯ މިއަދުގެ ބައްދަލުވުމުގައި ނިންމާނެ ކަމަށެވެ.
ކައުންސިލްގެ މެމްބަރު އައްސަދު ޝަރީފް އެ މައްސަލަ ހުށަހެޅީ ކައުންސިލްގެ ގަވައިދުގައިވާ ގޮތުގެ މަތިން ޖެހިޖެހިގެން ތިން ޖަލްސާ އަށް މިސްބާހު ހާޒިރު ނުވުމުންނެވެ.
އެމްއެމްސީގެ ގަވައިދުގައިވާ ގޮތުގެ މަތިން، އެ ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ މަހަކު ވެސް ބާއްވަން ޖެހޭނެ އެވެ. އެކަމަކު އާ ކައުންސިލުން ނިންމާފައިވަނީ ހަފުތާއަކު އެއް ފަހަރު އެ ބައްދަލުވުން ބޭއްވުމަށެވެ.
"އެހެންވެ، އަޅުގަނޑުމެންނަކަށް ނެތް ނިންމޭކަށް މިސްބާހު ގަވައިދާ ހިލާފުވީ ކަމަކަށް. އެއީ ހަފުތާއަކު އެއް ފަހަރު ޖަލްސާ ބޭއްވުމަށް ނިންމީ އަޅުގަނޑުމެން އަމިއްލަ އަށް ކަމަށްވާތީ،" އެމްއެމްސީގެ މެމްބަަރަކު ވިދާޅުވި އެވެ.
އެހެންވެ، ކައުންސިލުން ނިންމާފައިވަނީ މިސްބާހާ މެދު ފިޔަވަޅެއް ނޭޅުމަށެވެ.
"މިހާރު" އާ ކުރިން ވާހަކަ ދައްކަވަމުން އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވީ މިއީ މިސްބާހު މަގާމުން ވަކި ކުރުމަށް ބާއްވާ ބައްދަލުވުމެއް ނޫން ކަމަށާއި އޭނާ އަށް ޖަލްސާއަށް ހާޒިރު ނުވެވުނު ސަބަބުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށެވެ.
ކައުންސިލްގެ މިދިޔަ ދައުރުގައި، މިސްބާހުގެ ބޭބެ، މިއުސަމް އައްބާސް ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވެފައި ވާތީ އާއި ސަމާލުކަން ކުޑަވުމުގެ ސަބަބުން މެންބަރު ކަމުން ވަކިކޮށްފަ އެވެ.