ޓްރަމްޕާ އެކު ބައްދަލުވުމަކަށް މުސްލިމް ލީޑަރުންނަށް ދައުވަތު
ޓްރަމްޕާ އެކު ބައްދަލުވުމަކަށް މުސްލިމް ލީޑަރުންނަށް ދައުވަތު

ރިޔާޒް (މެއި 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވާ ސަމިޓަކަށް ސައުދީ ރަސްގެފާން ސަލްމާން ދައުވަތު ދެއްވި މުސްލިމް ލީޑަރުންގެ ތެރޭގައި ޖޯޑުންގެ އަބްދުﷲ ރަސްގެފާނާއި އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒް ބޫތަފްލިކާ އަދި ނައިޖަރުގެ ރައީސް މުހައްމަދު އިސޫފޫ ހިމެނޭ ކަމަށް ސައުދީގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

އަރަބި-އިސްލާމިކް-އެމެރިކަން ސަމިޓް ރިޔާޒުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 20-21 ގައި ކަމަށް ސައުދީ އޮފިޝަލުން ބުނެ އެވެ. ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ވެރިންނާ އެކު ޓްރަމްޕް ވަކި ބައްދަލުވުންތައް ބާއްވާނެ ކަމަށް ވެސް ސައުދީގެ އޮފިޝަލުން ބުނެ އެވެ. އަދި ޔަމަނުގެ ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީ އާއި މޮރޮކޯގެ ރަސްގެފާން މުހައްމަދު ވެސް ޓްރަމްޕާ ބައްދަލު ކުރުމަށް ވަޑައިގަތުމަށް ސަލްމާން ރަސްގެފާން ދައުވަތު ދެއްވާފައިވާ ކަމަށް ސައުދީގެ ރަސްމީ ނޫސް އެޖެންސީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ތުރުކީ، ޕާކިސްތާން، އިރާގު އަދި ޓިއުނީޝިއާގެ ވެރިންނަށް ވެސް ސަލްމާން ދައުވަތު ދެއްވާފައިވާ ކަމަށް އަރަބި ނިއުސް އިން ބުންޏެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީ އަރަބިއާ އަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ.

"ޓްރަމްޕުގެ ދަތުރުފުޅަކީ އެމެރިކާ އާއި އަރަބި އަދި އިސްލާމީ ގައުމުތަކާ އެކު ގުޅުން ރަނގަޅު ކުރުމަށް ދިން މެސެޖެއް،" ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވި އެވެ.