10 މެއި 2017 - 16:02

ހައި ކޯޓުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މިއަދު އިންތިޚާބު ކޮށްފި އެވެ.
ފަނޑިޔާރު ރައޫފް އެ މަގާމަށް އިންތިޚާބު ކުރީ، ހައި ކޯޓުގައި މިވަގުތު ތިއްބެވި ހަތް ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓުގައި، އިސް ފަނޑިޔާރު އަބްދުﷲ ދީދީއާ ވާދަ ކުރައްވައި، އެއް ވޯޓުގެ ތަފާތަކުންނެވެ. އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތިން ވޯޓު ލިބިވަޑައިގެންނެވިއިރު، ރައޫފަށް ހަތަރު ވޯޓު ލިބިވަޑައިގަތެވެ.
ޖޭއެސްސީގައި ހައި ކޯޓު ތަމްސީލް ކުރައްވާ ފަނޑިޔާރަކަށް ރައޫފް އިންތިޚާބު ކުރީ، އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދުގެ މަގާމުގެ ދައުރު ހަމަވިތާ އަށް މަސް ފަހުންނެވެ.
ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ހައި ކޯޓުން ފަނޑިޔާރަކު އިންތިޚާބު ކުރަންޖެހެ އެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް އިންތިޚާބު ކުރެވޭ މަގާމެކެވެ.
ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް އޮތީ ހުސްވެފަ އެވެ. އެ ދެ މަގާމަށް ބޭފުޅުން ހޯދަން އިއުލާން ކުރިޔަސް އެކަށީގެންވާ މިންވަރަށް ބޭފުޅުން ކުރިމަތިނުލާތީ އަދިވެސް އެ ދެ މަގާމަށް ބޭފުޅުން އައްޔަނެއް ނުކުރައްވަ އެވެ.