މަޝްހޫރު ފަންނާނުންތަކާ އެކު ކަލްވިން ހެރިސްގެ އާ އަލްބަމް އަންނަ މަހު ނެރެނީ
މަޝްހޫރު ފަންނާނުންތަކާ އެކު ކަލްވިން ހެރިސްގެ އާ އަލްބަމް އަންނަ މަހު ނެރެނީ

މަޝްހޫރު ލަވަކިޔުންތެރިޔާ ކަލްވިން ހެރިސްގެ އާ އަލްބަމް، މަޝްހޫރު އެހެން ބައެއް ފަންނާނުންނާ އެކު އަންނަ މަހު ރިލީޒް ކުރަން ނިންމައި އެވެ.

އަންނަ މަހުގެ 30 ގައި ރިލީޒް ކުރާ އަލްބަމްގެ ނަމަކީ "ފަންކް ވެވް ބައުންސް ވޮލިއުމް 1" އެވެ.

މި އަލްބަމުން ކެޓީ ޕެރީ އާއި ސްނޫޕް ޑޮގް، ބިގް ޝޯން، ނިކީ މިނާޖް، އެރިއާނާ ގްރަންޑްގެ އިތުރުން ވެސް މަޝްހޫރު ގިނަ ލަވަ ކިޔުންތެރިންގެ އަޑު އިވިގެން ދާނެ އެވެ.

އަލްބަމްގައި ހިމެނޭ ލަވަ ކިޔުންތެރިންގެ ނަންތަކާ އެކު، އޭގެ ކުޑަކުޑަ ވީޑިއޯއެއް ކަލްވިން ވަނީ އިސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކަލްވިން ކުރިން ރައްޓެހިވެގެން އުޅުނު މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އަޑު ވެސް "ފަންކް ވެވް ބައުންސް ވޮލިއުމް 1" އިން އިވިގެން ހިނގައި ދާނެ އެވެ. އެކަމަކު އެކަމާ ބެހޭ އެއްވެސް އިޝާރާތެއް ކަލްވިން ދީފައެއް ނުވެ އެވެ.

އޭނާ އާއި ޓޭލާ ވަކިވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

"ފަންކް ވެވް ބައުންސް ވޮލިއުމް 1" ވެގެން ދާނީ 2014 ވަނަ އަހަރު ނެރުނު "މޯޝަން" އަށް ފަހު ކަލްވިން، 33، ނެރޭ ފުރަތަމަ އަލްބަމަށެވެ.

އޭނާ މީގެ ކުރިން ވެސް ވަނީ ތިން އަލްބަމެއް ނެރެފަ އެވެ. އެއީ އައި ކްރިއޭޓެޑް ޑިސްކޯ (2007)، ރެޑީ ފޮ ދަ ވީކެންޑް (2009) އަދި 18 މަންތްސް (2012) އެވެ.