ޕަރިނީތީ އެނބުރި އަންނަ ފިލްމު "މޭރީ ޕިޔާރީ ބިންދޫ"
ޕަރިނީތީ އެނބުރި އަންނަ ފިލްމު "މޭރީ ޕިޔާރީ ބިންދޫ"

ޕަރިނީތީ ޗޯޕްރާ އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނިފައި ވަނީ 2014 ގައި ނުކުތް "ކިލް ދިލް" އިންނެވެ. އެއަށްފަހު ޕަރިނީތީ ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޗުއްޓީއެއް ނަގާފަ އެވެ.

ޕަރިނީތީ، 28، އާ ފެށުމަކުން ފިލްމީ ކެރިއަރު ފަށައިގަތުން ފާހަގަކުރަނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "މޭރީ ޕިޔާރީ ބިންދޫ" އިންނެވެ.

ޕަރިނީތީ ބުނި ގޮތުގައި ފިލްމީ ދުނިޔެއާ ދުރުގައި އޭނާ ހޭދަކުރި މުއްދަތަކީ ރާވައިގެން ކުރި ކަމެކެވެ.

"އެއީ ކޮންމެހެން ތަނަކަށް ދާންވެގެނެއް ނޫން. އަހަރެން ބޭނުންވީ ގެ ރަނގަޅު ފެންވަރަކަށް ހަދަން. އަދި ފިޓްނަސް އަށް ސަމާލުކަންދޭން. އަހަރެން ޗުއްޓީ ނެގީ އަހަރެންގެ ހަ ފިލްމެއް ޖެހިޖެހިގެން ރިލީޒްވުމަށްފަހުގައި. އެ ހުރިހާ ފިލްމު ނިމުނުއިރު އަހަރެން ހުރީ ދިގު ޗުއްޓީއަކަށް ވަރަށް ބޮޑަށް ބޭނުންވެފައި. އަހަރެން ކުރަން ބޭނުން ވަރަށް ގިނަ ކަންތައް އޭރު ހުރި ޝޫޓިންތަކާ ހެދި ނުކުރެވި،" ޕަރިނީތީ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ކޮންމެ އެކްޓަރަކު ވެސް ކުރަންޖެހޭނެ ކަމެކެވެ. އޭރުން ކުރިޔަށް ދިއުމަށް އެހީތެރިކަން ލިބޭ ކަމަށާއި އަމިއްލަ ނަފްސު ދަސްކުރަން ވެސް ވަގުތު ލިބޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ޕަރިނީތީ ގަބޫލުކުރާ ގޮތުގައި މިހާރު އޭނާ އެ ކުރަނީ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރާ އެންމެ ފުރިހަމަ މަސައްކަތެވެ. އެކަން އެގޮތަށްވީ ޗުއްޓީ ނަގައިގެން ސިކުނޑި ހަމަޖައްސާލުމުން ކަމަށް އޭނާ ދެކެ އެވެ.

ބޮކްސް އޮފީހުގައި އެ އެކްޓަރެއްގެ ފިލްމެއް ކާމިޔާބުވުން ކޮންމެ އެކްޓަރަކަށް ވެސް ވަރަށް މުހިއްމު ވާނެ ކަމަށާއި ބެލުންތެރިން އެ އެކްޓަރަކާ ހިތްހަމަޖެހޭނަމަ އެނގޭނީ އޭރުން ކަމަށް ވެސް ޕަރިނީތީ ބުންޏެވެ.

"ކާމިޔާބީ އާއި ނާކާމިޔާބީން އަހަންނަށް ވެސް އަސަރު ކުރޭ. ސަބަބަކީ އަހަރެމެން ފިލްމު އުފައްދަނީ އެހެން މީހުން ބަލަން ކަމަށް ވާތީ. އަހަރެމެން ބޭނުންވާނެ މީހުން އަހަރެމެންގެ ފިލްމުތައް ބަލައިގެން އޭގެން މުނިފޫހިފިލަން. ކޮންމެ އާޓިސްޓަކަށް ވެސް އެކަން ވަރަށް މުހިއްމުވާނެ،"

އަޔޫޝްމާން ކުރާނާއާ އެކު ޕަރިނީތީ ކުޅެފައިވާ "މޭރީ ޕިޔާރީ ބިންދޫ" އަކީ އަލަށް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތާ ހަވާލުވި އަކްޝޭ ރޯއީ އުފައްދާ ފުރަތަމަ ފިލްމެވެ.

ޕަރިނީތީ ބުނި ގޮތުގައި މުޅިން އާ ޓީމަކާ އެކު ރީތި ވާހަކައެއްގެ މައްޗަށް ފިލްމެއް ތައްޔާޜުކުރަން ލިބުނު ފުރުސަތާމެދު ވަރަށް ހިތްހަމަޖެހެ އެވެ. މި ފިލްމުގެ ވާހަކަ ވަރަށް "ކޫލް" ކަމަށް ޕަރީނީތީ ބުނެ އެވެ. އަދި ބެލުންތެރިން މި ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭނެކަމަށް ވެސް އޭނާ އުންމީދު ކުރެ އެވެ.

ޔާޝް ރާޖް ފިލްމްސްގެ މި ޕްރޮޖެކްޓް ޕްރޮޑިއުސްކޮށްފައިވަނީ މަނީޝް ޝަރުމާ އެވެ. މި ފިލްމުގައި ބަތަލާގެ ރޯލު ކުޅުމުގެ އިތުރުން ޕަރިނީތީ ވަނީ ފިލްމުގެ އެއް ލަވަ ވެސް ކިޔައިދީފަ އެވެ.