11 މެއި 2017 - 06:26

ސަލްމާން ޚާންގެ ރޫމޭނިޔާ ލޯބިވެރިޔާ ޔޫލިއާ ވަންތޫރު ދާދިފަހުން ވަނީ މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމްޔާގެ އަލްބަމަކަށް ލަވަ ކިޔައިދީފަ އެވެ.
އޭނާމިހާރު ތައްޔާރުވަނީ ސަލްމާންގެ ހޯމް ޕްރޮޑަކްޝަނުން އުފައްދާ "ދަބަންގް" ސިލްސިލާގެ ތިން ވަނަ ފިލްމުގައި މުހިއްމު ރޯލެއް އަދާ ކުރުމަށެވެ.
ސަލްމާނާއި ޔޫލިއާ ކައިވެނި ކުރާނެތޯ ގިނަ ބަޔަކު ބަހުސްކުރަމުން އަންނައިރު ޔަގީންވާ ކަމަކީ ސަލްމާން ޔޫލިއާއާ ކައިވެނި ނުކުރިޔަސް އޭނާގެ ފިލްމީ ކެރިއަރު ފެށުމުގައި އެހީތެރިވާން ނިންމާފައިވާ ކަމެވެ.
ސަލްމާނާ އޮންނަ ގާތްކަމުގެ ސަބަބުން ޔޫލިއާ އަކީ ސަލްމާންގެ އާއިލާގެ އެންމެންނާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ. އަދި އަބަދު ކަހަލަ ގޮތަކަށް އެ ގެއަށް ގޮސް އުޅޭ މީހެއް ވެސްމެ އެވެ.
"ދަބަންގް 3" ޑައިރެކްޓްކުރާނީ މިސިލްސިލާގެ ކުރީގެ ދެ ފިލްމު ވެސް ޑައިރެކްޓަރު ކުރި އަރްބާޒް ޚާނެވެ. އަދި ޔޫލިއާއަށް ޓަކައި އަރްބާޒް ވަރަށް މުހިއްމު ރޯލެއް އެ ފިލްމުގައި ހިމަނާފައިވާ ކަމަށްވެ އެވެ. ނަމަވެސް ޔޫލިއާ ބައިވެރި ވިޔަސް "ދަބަންގް" ސިލްސިލާގެ އެހެން ފިލްމުތަކުގައި ވެސް ބަތަލާގެ ބައި ކުޅުނު ސޮނާކްޝީ ސިންހާ މިފަހަރުގެ ފިލްމުގައި ވެސް ބައިވެރިވާނެ އެވެ.