ދުނިޔޭގެ އެންމެ ބަރު ފިރިހެން މީހާގެ އޮޕަރޭޝަން ކާމިޔާބު
ދުނިޔޭގެ އެންމެ ބަރު ފިރިހެން މީހާގެ އޮޕަރޭޝަން ކާމިޔާބު

މެކްސިކޯ ސިޓީ (މެއި 10) - ދުނިޔޭގެ އެންމެ ބަރު ފިރިހެން މީހާގެ ގޮތުގައި ބަލާ މެކްސިކޯގެ ހުއާން ޕެޑްރޯ ފްރެންކޯގެ ގެސްޓްރިކް ބައިޕާސް އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

ފްރެންކޯގެ ޑޮކްޓަރު ހޯސޭ ކަސްޓަނެޑާ ވިދާޅުވީ ބަރުދަނުގައި ގާތްގަނޑަކަށް 600 ކިލޯ ހުރި ފްރެންކޯގެ ބަރުދަން ދެބައިކުޅަ އެއްބަޔަށް ލުއި ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭގެ ފަހުން އިތުރު އޮޕަރޭޝަން ކުރާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ހޯސޭ ވިދާޅުވީ އޮޕަރޭޝަނަށް ފަހު އަންނަ ބަދަލުތައް ބަލަމުންދާ ކަމަށެވެ. އަދި ފްރެންކޯގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ފްރެންކޯގެ ބަރުދަން އެއްދުވަސްވަރެއްގައި 595 ކިލޯ އަށް އެރި އެވެ. އޮޕަރޭޝަނަށް ތައްޔާރުވާން އޭނާގެ ބަރުދަން ވަނީ ލުއިކޮށްފަ އެވެ. އަދި ލޭގެ ޕްރެޝަރާއި ޑައިބެޓިކް ލެވެލް ވެސް ކޮންޓްރޯލް ކުރަން ޖެހުނެވެ.

އެނދުގައި އެތައް ދުވަހަކު އޮންނަން ޖެހިފައިވާ ފްރެންކޯ އަށް އަންނަ ބަދަލުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އޭނާގެ ދެ ވަނަ އޮޕަރޭޝަނެއް ވެސް އަހަރުގެ ފަހުކޮޅު ކުރަން ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ އެންމެ ބަރު ފިރިހެނާގެ ގޮތުގައި ބެލެވިފައިވާ މެކްސިކޯގެ މެނުއަލް އުރިބެ ވަނީ މިދިޔަ އަހަރު މަރުވެފަ އެވެ. އެންމެ ބަރު މީހާގެ ރެކޯޑް އޭނާ އަށް 2007 ވަނަ އަހަރު ލިބުނު އިރު ބަރުދަނުގައި 597 ކިލޯ ހުއްޓެވެ.

ބަރުދަނުގައި 500 ކިލޯ ހުރި ކަމަށް ބުނާ ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ މިސްރުގެ އީމާން އަހުމަދަށް އިންޑިއާގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ޔޫއޭއީ އަށް ބަދަލުކޮށްފަ އެވެ. މުމްބާއީގައި ގެސްޓްރިކް ބައިޕާސް އޮޕަރޭޝަން ކުރުމަށް ފަހު އޭނާގެ ބަރުދަން ދެބައިކުޅަ އެއްބަޔަށް ލުއިކޮށްފައިވާ ކަމަށްވެ އެވެ.