ރޯދަ ހަދިޔާގެ ގޮތުގައި ކުޑަހުވަދޫގެ ކޮންމެ މީހަކަށް 500 ރުފިޔާ
ރޯދަ ހަދިޔާގެ ގޮތުގައި ކުޑަހުވަދޫގެ ކޮންމެ މީހަކަށް 500 ރުފިޔާ

ރޯދަ ހަދިިޔާގެ ގޮތުގައި ދ. ކުޑަހުވަދޫގެ ކޮންމެ ރައްޔިތަކަށް 500ރ. ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކުޑަހުވަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނިގޮތުގައި އަންނަ ރޯދަމަހުގެ ކުރިން އެ ރަށުގެ ކޮންމެ ރައްޔިތަކަށް ހަދިޔާއެއްގެ ގޮތުގައި 500 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އަދި މިއީ ގާނޫނީ ހަމަތަކުގެ މަތިން ކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު ވިދާޅުވީ 3،500 މީހުންގެ އާބާދީގެ އެ ރަށުގެ ކޮންމެ ރައްޔިތަކަށް އެއްވަރަކަށް ފައިސާ ދޭން ނިންމާފައިވާއިރު އެއީ ރައްޔިތުންގެ ފަންޑުން ދޭ ހަދިޔާއެއް ކަމަށެވެ. އެކަމަކު ކަމާ ބެހޭ އިދާރާތަކުން އެކަމަށް އަދި ހުއްދަ ނުލިބޭތީ އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވެން ނެތް ކަމަށް މުހައްމަދު ވިދާޅުވި އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ރ. އުނގޫފާރުގައި ވެސް އެއް މަހުގެ ކަރަންޓު ހިލޭ ކުރުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ވަރަށް ގިނަ ރަށްރަށުގައި މި ފަދަ ރޯދަ ހަދިޔާތައް ދީފައި ވެ އެވެ. އެގޮތުން ފައިސާ ދިނުމާއި ކަރަންޓު ބިލަށް ފައިސާ ނުނެގުން ފަދަ ކަންކަން ކައުންސިލްތަކުން ކޮށްފައި ވެ އެވެ.