10 މެއި 2017 - 14:14

ޕެރިސް (މެއި 10) - ފްރާންސްގައި އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ގޮސް އެއްވެސް ކެންޑިޑޭޓަކަށް ފާހަގަ ނުޖަހާ ވޯޓުގެ އަދަދު ހަތަރު މިލިއަނަށް އަރާ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފި އެވެ.

މިއީ ޖުމްލަ ވޯޓުގެ ނުވަ ޕަސެންޓެވެ. މިއީ ފްރާންސްގެ މި ޒަމާނުގެ ޖުމްހޫރިއްޔާ 1958 ވަނަ އަހަރު ގާއިމްކުރި ފަހުން ބާތިލް ވޯޓު އެންމެ ގިނަ އިންތިޚާބު ވެސް މެ އެވެ.
މީގެ އިތުރުން ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ތެރޭން 12 މިލިއަން މީހުން ވޯޓުލާން ނުދެ އެވެ. މިއީ އިންތިޚާބުގައި ދެ ވަނަ އަށް ދިޔަ މެރިން ލެ ޕެން ހޯއްދެވި 10 މިލިއަން ވޯޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މިއީ 1969 ވަނަ އަހަރުގެ ފަހުން ވޯޓުލާން އެންމެ ގިނަ ބަޔަކު ނުދާ ފަހަރު ވެސް މެ އެވެ. އެހެން ކަމުން މި ފަހަރުގެ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދޭ މީހުންގެ އަދަދު 17 މިލިއަނަށް އަރަ އެވެ. މިއީ ޖުމްލަ ވޯޓުގެ 33 ޕަސެންޓެވެ. އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދޭ ނިސްބަތް 2012 ވަނަ އަހަރު އުޅުނީ 24 ޕަސެންޓުގަ އެވެ.
އުމުރުން 39 އަހަރުގައި ފްރާންސްގެ އެންމެ ޒުވާން ރައީސްގެ މަގާމަށް އިމެނުއަލް މެކޮން ހޮވިވަޑައިގެންނެވީ 20.7 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ.
ވޯޓުލާން ގިނަ ބަޔަކު ނުދިޔަ ސަބަބުތަކުގެ ތެރޭގައި ދެ ވަނަ ބުރުގައި ވޯޓުލާން ނުދިއުމަށް ސޯޝަލް މީޑިއާގައި ކެމްޕޭންތައް ހިންގުން ހިމެނޭ ކަމަށް އޮފިޝަލުން ބުނެ އެވެ. ބޮއިކޮޓް 2017 ގްރޫޕުން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށް ގޮވާލާ ކެމްޕޭން ކޮށްފަ އެވެ.
4 މިލިއަން: ބާތިލް ވޯޓު (ވޯޓުގެ 9 ޕަސެންޓް)
12 މިލިއަން: ވޯޓުލާން ނުދާ މީހުން.
20 މިލިއަން: އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓް ހޯދި ވޯޓު (ވޯޓުގެ 66 ޕަސެންޓް)
10 މިލިއަން: ދެވަނަ އަށް ދިޔަ ކެންޑިޑޭޓް ހޯދި ވޯޓު.