10 މެއި 2017 - 11:55

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުމުގައި އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ކަލެކްޓިން ބޭންކާގެ ގޮތުގައި މަސައްކަތްކުރަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނަޖީބް ޚާން އެވެ.
މި އެގްރީމަންޓްގެ ދަށުން ބީއެމްއެލްއިން، އާންމުންގެ ތެރެއިން އުރީދޫގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފަސޭހަކަމާ އެކު ހިއްސާ ގަނެވޭނެ އިންތިޒާމު ހަޖައްސައިދީ އަދި ހިއްސާގެ ފައިސާ ޖަމާކުރާނެ އެކައުންޓެއް ކަނޑައަޅައިދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ އުރީދޫގެ ހިއްސާ ވިއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ރައްޔިތުންނަށް ރާއްޖޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ވިޔަފާރިއެއްގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
ހިއްސާ ގަތުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫގެ ވެބްސައިޓުން ކޮންމެ ވަަގުތަކު ވެސް ޑެޕޮސިޓްރީ އެކައުންޓް ހުޅުވައި، ހިއްސާ ގަނެވޭނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ. އެ ކުންފުނީގެ ހިއްސާ ގަތުމުގެ ފުރުސަތު މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އުރީދޫން ކަނޑައަޅާފައި ވަނީ ހިއްސާއަކަށް 30ރ. ގެ ރޭޓުން، ދޫކޮށްފައިވާ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ ފުރަތަމަ ވިއްކާށެވެ. ނަމަވެސް އެ 15 ޕަސެންޓަށް ވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހަޅައިފި ނަމަ 40 ޕަސެންޓް ހިއްސާާ ވިއްކާނެ ކަމަށް އުރީދޫން ބުންޏެވެ. އެއީ 59,120,160 ހިއްސާ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށް އުރީދޫން ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކަށް އަދި އިންވެސްޓަރުންނަށް ވެސް 40 ޕަސެންޓް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އުރީދޫ ހިއްސާ ގަތުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ވަނީ ގާއިމްކޮށްފަ އެވެ. އެއީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކާއި، އުރީދޫ ބިޒްނަސް ޕާޓްނަރު ފިހާރަތަކާއި ޕޯސްޓް އޮފީސްތަކާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް އަދި ލައިސަންސް ލިބިފައިވާ ޑީލިން ކުންފުނިތަކެވެ.