10 މެއި 2017 - 12:17

ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން މިހާރު އެންމެ ގިނައީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އާއިލާ މެމްބަރުންގެ ފަރާތުން އަނިޔާ ލިބުމުގެ މައްސަލަތަކާއި މުޖުތަމައުން އިހުމާލުވުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ބެލެނިވެރިކަމުގެ މައްސަލަ އަދި ސަރުކާާރުގެ ފަރާތުން އެކުދިންނަށް ލިބެން ޖެހޭ ރައްކާތެރިކަން އެކަށީގެންވާ ގޮތުގައި ނުލިބުމުގެ މައްސަލަތައް ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެޗުއާރުސީއެމުން ބުނި ގޮތުގައި، އެހެން މުއައްސަސާތަކަށް ހުށައަޅާ މައްސަލަތަކުގެ ތެރޭގައި ވެސް ކުޑަކުދިންނާ ގުޅޭ ތަފާތު މައްސަލަތައް ހިމެނެ އެވެ.
އާއިލާ އާއި މުޖުތަމައު އާއި ސަރުކާރުގެ ފަރާތުން ހާއްސަ ރައްކާތެރިކަމާއި އަޅާލުމަކީ ކުޑަކުދިންނަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގެއް ނަމަވެސް މިދިޔަ އަހަރު އެޗްއާރުސީއެމަށް އެންމެ ގިނައިން ހުށައެޅި ތިން ދާއިރާގެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކަށް އިހުމާލުވުމުގެ މައްސަލައް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އެކުދިިންނަށް ލިބޭ އަނިޔާތައް ހުއްޓުވަން މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު މިހާރަށް ވުރެ ހަރުދަނާ ކުރަން އެޗުއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ.