10 މެއި 2017 - 11:11

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ބަލިވުމާ އެކު އިސްތިއުފާ ދެއްވަން އެންގި ތ. ތިމަރަފުށީ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރު ހއ. ބާރަށަށް، އެންމެ ފަހުން، ބަަދަލުކޮށްފި އެވެ.
ލޯކަލް އިންތިހާބުގެ ތިމަރަފުށީ ކައުންސިލް، ވެރިކަން ކުރާ ޕީޕީއެމަށް ކާމިޔާބުކޮށްދޭން އިސްކޮށް އެ ރަށުގައި މަސައްކަތްކުރެއްވި އެސިސްޓެންޓް މެނޭޖަރު އަހްމަދު އިލްހާމް އިސްތިއުފާ ދެއްވަން އެންގި ސަބަބެއް އަދި ފަހުން ބާރަށަށް ބަދަލުކުރި ސަބަބެއް ވެސް އޭނާ އަށް އަންގާފައެއް ނުވެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ސޮއިކޮށް އޭނަ އަށް ފޮނުވި ލިއުމުގައި ހަމައެކަނި އަންގާފައި ވަނީ ވަޒީފާ އަދާކުރާ ތަން ބަދަލުވެފައިވާ ކަމެވެ.
އިލްހާމް ވިދާޅުވެފައިވާ ގޮތުގައި އޭނާ ވަޒީފާ އިން އިސްތިއުފާ ދެއްވަން ޖެހޭވަރުގެ އަދި އެހެން ތަނަކަށް ބަދަލުކުރަން ޖެހޭވަރުގެ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. މިއީ، އިންތިހާބާ ގުޅިގެން ފެނަކައިގެ ބްރާންޗްތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމަނައިގެން އެންގި އެންގުމެއް ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ.
އިންތިހާބުގައި ތިމަރަފުށީގެ ތިން ގޮނޑި ވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އިލްހާމަކީ އިންތިހާބުގައި ވޯޓު ފޮއްޓެއްގެ އިސް ވެރިއަކަށް ހަމަޖެއްސި އެކެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނި، ފެނަކަ އަކީ ސިޔާސީ ކަންކަން ވަރަށް ބޮޑު ކުންފުންޏެއްގެ ގޮތުގައި އޮންނަނީ އަޑުފެތުރިފަ އެވެ. ސިޔާސީ އެކި ކަންކަމާ ގުޅިގެން ބައެއް ބްރާންޗުތަކުން މީހުން ވަކިކުރުމާއި ވަޒީފާ ދިނުން ފަދަ ކަންކަން ހިންގާ ކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުން ވެސް ފާޅުކުރެ އެވެ.