އޮޅުނުވި މަގޭ ހިތް
އޮޅުނުވި މަގޭ ހިތް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

އަހަންނަށް ވަމުންދިޔަ އެއްވެސް ކަމަކީ، އެހެން މީހަކަށް އިހުސާސް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން މީހަކަށް ދެއްކޭނެ ނުވަތަ އިއްވޭނެ އެއްޗެއް ވެސް ނޫނެވެ. ގޭގެ އެހެން މީހުން އުޅެމުންދިޔައީ އެހެންޏާ ވެސް އުޅޭ އާދައިގެ ދިރިއުޅުމެވެ. ބަސްމަދުވެފައި ހުރީ އަހަންނެވެ. ގޮތް ހުސްވެފައި ވެސް ހުރީ އަހަންނެވެ. ވަނީ ކީއްކަން ނޭނގިފައި ވެސް ހުރީ އަހަރެން އެކަންޏެވެ. ކޮންމެ ވަގުތެއްގައި ވެސް އަހަރެންގެ ހިތަށް އަނިޔާވެރިކަމެއް ފެނިދާނެއެވެ. ހޫނު އެއްޗެއް ފެނުނަސް، ތޫނު އެއްޗެއް ފެނުނަސް، ދަތްއަޅާ އެއްޗެއް ފެނުނަސް ވެހެވެ. އެ އެއްޗެއް މެދުވެރިކޮށް ޢާއިލާގެ ކޮންމެވެސް މީހަކަށް އަނިޔާއެއް ލިބޭތަން ފެންނާނެއެވެ. އެ ކަން ހުއްޓުވަން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކަނޑައެޅިގެން ވަކި ކަމެއް ހަނދާން ނުކުރަން މަސައްކަތް ކުރުމަކީ އެ ކަމެއް ތަކުރާރުކޮށް ހަނދާންވުމެވެ. އަމިއްލަ ހިތަށް ބާރުފޯރުވެނީ ކާކަށް ހެއްޔެވެ؟ ފައިވާނަށް އެރުމަކީ، އަހަންނަށް ފަރުބަދައަކަށް އެރުން ކަހަލަ ކަމެކެވެ. ދެތިން ސިކުންތުން އެހެން މީހުން ކޮށްލާ ކަންތައް ކުރަން އަހަންނަށް ދެތިން މިނެޓު ނަގައެވެ. ދޮރު ހުޅުވޭ ގޮތް ރަނގަޅުކުރަން ބައެއް ފަހަރު ފަންސަވީސް ފަހަރު ދޮރު ހުޅުވަންޖެހެއެވެ. ގަލަމުގެ ދޯރި ނެގޭ ގޮތް ރަނގަޅު ނުވެގެން ފަނަރަ ފަހަރު ދޯރި ނެގުމަކީ އާންމުކަމެކެވެ. މަންޒަރު ބަލަން ހުންނަ މީހަކު ހިތަށްއަރާނެ އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހިތަށްއަރައެވެ. އަހަރެންގެ މައްސަލައަކީ ކޮބައިހެއްޔެވެ؟

އަހަރެންގެ އުމުރުން ސޯޅަ އަހަރު ފުރުނުއިރު އަހަރެންގެ ދިރިއުޅުން މުސީބާތަކަށް ބަދަލުވެއްޖެއެވެ. ހަނގުރާމައަކަށް ބަދަލުވެއްޖެއެވެ. އެކަމަކު، މައިންބަފައިންނަކަށް ނޭނގެއެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެންގެ ތިބެނީ އެއްބަނޑުއެއްބަފާ ފަސް ކުދިންނެވެ. މަންމައަކީ އަބަދު ގޭގައި އުޅޭ މީހެކެވެ. ފެނުނަސް ނުފެންނަކަމަށް ހަދަނީ ހެއްޔެވެ؟ ވާކަމެއް ނުވާކަމަކަށް ހަދަން ބޭނުންވަނީ ހެއްޔެވެ؟ ބައެއްފަހަރު އަހަންނަށް ހީވެއެވެ. އަހަރެން ކުރާ ކަންތައް މަންމަ ބަލައެވެ. އަހަރެންގެ ދިރިއުޅުމަށް އައި ބަދަލުތައް މަންމައަށް ފާހަގަކުރެވިއްޖެއެވެ. އެއީ ކަމަކަށް ހަދަން މަންމަ ބޭނުން ނުވަނީއެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ކޮޓަރިއަށް ވަންނަން އައިސް، އެ ދުވަހު އަހަންނަށް ދޮރުގެ އަތްގަނޑު ނުވެސް އެނބުރުނެވެ. އަހަރެން ބޭނުންވާ ގޮތަކަށް އެ އަތްގަނޑަކު ނުހިފުނެވެ. ހިތް ބުނަނީ އަތްގަނޑުގައި ހިފާއިރު، އެންމެ ފުރަތަމަ އަތްގަނޑުގައި ޖެހެންވާނީ ކުޑަވައިއިނގިލި ކަމުގައެވެ. ދެން ކަށިއިނގިއްޔެވެ. އެ އަށް ފަހު މެދުއިނގިއްޔެވެ. ޝަހާދަތް އިނގިލީގެ ކުރިން ބޮޑުވައިއިނގިލި ޖެހެން ޖެހެއެވެ. އެ ކަމެއްގައި ބައިގަޑިއިރެއްހާއިރު ހޭދަކުރި ތަނާ މީހަކު އައިސް ގާތުގައި ހުއްޓުނުހެން އަހަންނަށް ހީވިއެވެ. ބަލައިލިއިރު ހުރީ މަންމައެވެ. އަހަންނަށް އަންނަމުންދާ ބަދަލު މަންމައަށް އެނގޭކަން ޔަގީންވީ އެ ދުވަހުއެވެ.

"ހެލްޕްމީ މަމް!" އެ ހިސާބަށް ބުނެވުނުއިރު އަހަންނަށް ރޮވިއްޖެއެވެ.

އަހަރެންގެ ގައިގަ މަންމަ ބައްދައިލިއެވެ. ނޭނގޭ ކިތަންމެ ކަމެއް އެ ދުވަހު އެނގުނެވެ. ބައްޕައާއި މަންމަ އެ ކަމާ މަޝްވަރާކުރި ކަމާއި، އެ މީހުންނަށް ވެސް ގޮތް ހުސްވެފައިވާކަމެވެ. އެ މީހުން ތިބީ އަހަންނާ އެ ވާހަކަދައްކާނެ ގޮތެއް ނޭނގިފައެވެ. ބިރުގެންފައެވެ. ޓީޗަރުގެ ފަރާތުން ވެސް އެ ޝަކުވާތައް ހުރީ އައިސްފައެވެ.

"އަސްލު ކިހިނެއްވެގެން ތި އުޅެނީ؟" މަންމަ ސުވާލުކުރިއެވެ.

"ނޭނގެ މަންމާ!" އަހަރެން ބުނީމެވެ. "ހަމަ އެއްގޮތަކަށް ވެސް ނޭނގެ."

މަންމަ ހީކުރީ އަހަންނަށް ޝައްކުބަލި ޖެހުނީކަމަށެވެ. ބައްޕަ ހީކުރީ ފަންޑިތައިގެކަމެއް ކަމަށެވެ. އެ މީހުންނަށް ގޮތެއް ނިންމަން ނޭނގުނުއިރު އަހަރެން ގޮތެއް ނިންމާނީ ކިހިނެއް ހެއްޔެވެ؟

"ދަރިފުޅު ކަމެއްކުރަން އެހާ ގިނައިރު ނަގަނީ ކީއްވެތަ؟" މަންމަ ސުވާލުކުރިއެވެ. "ކޮންކަމަކާތަ ތި ވިސްނަނީ؟ ހާދަ ލަހޭ މިހާރު ދަރިފުޅަށް ކަންކަން ކުރެވޭލެއް. އެނގޭތަ އެ ކަން؟"

އަހަންނަށް އެނގެއެވެ. ނޭނގެނީ މަންމައަށެވެ. އަހަރެންގެ ހިތް އަހަންނާ ރުޅިވިތާ ކޮން ޒަމާނެއް ހެއްޔެވެ؟ ހިތް އޮޅުކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ.

"އެއީ މަ ކުރާކަމެއް ނޫނޭ މަންމާ!" އަހަރެން ބުނީމެވެ. "މަ ލައްވާ ކުރުވާ ކަމެކޭ."

މަންމައަކަށް ނުވިސްނުނެވެ. އަހަންނަށް ނުވިސްނުނުއިރު މަންމައަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ރުޤްޔާ ކުރާ މީހަކު ގެނައެވެ. ޖިންނީގެ އެއްވެސް އުނދަގުލެއް އަހަންނަށް ނުކުރާކަމަށް ނިންމަން ރާޤީ ބޭނުންވީ ދެތިން މިނެޓެވެ. އުފާވުމުގެ ބަދަލުގައި ބައްޕަ ވީ ހައިރާނެވެ. އަހަރެން މަސްތުވާ އެއްޗެހި ބޭނުންކުރަނީ ހެއްޔެވެ؟ އެ ފަދަ ކަމެއް ކުރަން އަހަންނަށް ވަގުތު ނުލިބޭނެކަން އެނގި ހުރެ ވެސް ޓެސްޓު ހެދިއެވެ. އެ ކަހަލަ ކަމެއް ވެސް ނެތެވެ. އަހަރެން ތަކުރާރުކޮށް ކުރާ ކަންކަން ހުއްޓުވަން ވަރަށް ގިނަ މަސައްކަތް މަންމަ ކުރިއެވެ. ބައްޕަ ދަންނަ ޑޮކްޓަރުންނަށް އަހަރެން ދެއްކިއެވެ. އެ އިން ކުރީ ނުބައި އަސަރެކެވެ. އަހަރެން އުޅެނީ މީހުންގެ ސަމާލުކަން ހޯދާށެވެ. ޑޮކްޓަރަކު އެ ޖަވާބު ދިން އަޑު އަހަންނަށް އިވުނެވެ. އެއީ އިވެން ނުވާ އެއްޗެކެވެ. އެކަމަކު، އިވުނުކަން ނަސީބެކެވެ. ކަންބޮޑުވެގެން ތެޅިފޮޅުނު މަންމަ ކުއްލިއަކަށް ހަމައަކަށްއެޅުނީ ކީއްވެގެންކަން އަހަންނަށް ނޭނގުނު ނަމަ، އަހަރެން ވަރަށް ހައިރާންވީހެވެ. ދެން ލިބުނު ހައިރާންކަމެއް ވެސް ވަކި ކުޑައެއް ނޫނެވެ. އަނެއްކާ ވެސް އާ ހަރުފަތަކަށް އަރަންޖެހުނީއެވެ. އެއީ އެންމެ އުނދަގޫވި ކަންތަކެވެ.

މަގުމަތިން އަހަރެން ދާއިރު އަހަންނަށް ފެންނަ ހުރިހާ ސައިކަލެއް ގުނަން ފެށުނެވެ. ހިތް އެ ކަމަށް މަޖުބޫރުކުރަނީއެވެ. ކާރާއި، ޕިކަޕު ވެސް މެއެވެ. އިސްކޫލު ކުދިންތައް ވަކިވަކިން ގުނަން "ހަވާލުކުރިއެވެ." ގެއަށް ވަންނައިރު، އެވެނި އިސްކޫލަކުން އަހަންނަށް ފެނުނީ ކިތައް ކުދީންކަން އަހަރެން ހަނދާންބަހައްޓަން ޖެހެއެވެ. އެ އަށް ވުރެ ބޮޑު އުނދަގުލެއް ނުޖެހޭނޭ ހީކޮށްގެން ހުއްޓައި، އަހަރެން އެސްފިޔަޖަހާ ވަރު ގުނަން ޖެހުނެވެ. ނޭވާލާ ވަރު ގުނަންޖެހުނެވެ. އަޅާ ފިޔަވަޅުގެ އަދަދާއި، ހިތުގައިޖަހާ ވިންދުގެ އަދަދެވެ. އެ ކަން ނުކުރަން އަހަރެން އުޅެފި ނަމަ، ހީވަނީ ނޭވާ ހުއްޓިދާނެހެންނެވެ. އެ އަށް ވުރެ އަހަރެންގެ ހިތަށް ފަސޭހަވީ ގުނާށެވެ. ހިތް ކުރާ ކޮންމެ އަމުރަކަށް ތަބާވާށެވެ. ނަތީޖާއަކަށްވީ އެކަނި އިންނަން އަހަރެން ބޭނުންވާ ވަގުތު ގިނަވުމެވެ. މީހުންނާ ވާހަކަދައްކަމުން އަހަންނަށް އެ ހުރިހައި އެއްޗެއް ނުގުނޭތީއެވެ. އޭރު އަހަރެން މޮޔަ ނުވެ ހުރި ނަމަ، ލަސްތަކެއް ނުވެ މޮޔަވެދާނެ ކަމުގެ ބިރު އަހަރެންނަށް ހީވާން ފެށިއެވެ. ޕާޓީއަކަށް ދިޔަސް، ކިލާހުގައި އިނަސް، މިސްކިތަށް ދިޔަސް އަހަންނަށް އިނދެވެނީ އެ ތާކު ނޫނެވެ. ވިސްނަންޖެހޭ އެހެން ކަންތައްތައް މާ ގިނައީއެވެ. ގަބުވެފައި އިނުން ނޫން އެއްވެސް ކަމެއް އަހަންނަކަށް ނުކުރެވެއެވެ. އަހަންނަކީ މޮޔައެކެވެ. ގަމާރެކެވެ. ބޯގޯހެކެވެ. އެތައް ނަމެއް އަހަންނާ ދިމާއަށް ކިޔާކަން އަހަންނަށް އެނގެއެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ އަހަންނަކަށް އޭރަކު ނޭނގެއެވެ.

އުމުރުން ނަވާރަ އަހަރު ފުރުނުއިރު އަހަންނަކީ ބޭކާރު މީހެކެވެ. ނުއެއް ކިޔެވުނެވެ. ކުޅިވަރެއް ނުކުޅެވެއެވެ. ވަޒީފާއެއް އަދައެއް ނުކުރެވެއެވެ. އެހެންނަމަވެސް، ބޭރުފުށުން ފެންނައިރު އަހަންނަކީ ވަރަށް ސާދާ މީހެކެވެ. ވީރާނާވަމުންދިޔައީ އަހަރެންގެ ހިތާއި ސިކުނޑިއެވެ. ކަތުރުފަނި ލަކުޑިގަނޑެއް ބޯ ފަދައިން އެ "ނުފޫޒު" އަހަރެންގެ އެތެރެހަށި ކައި ހުސްކުރަން ފެށިއެވެ. ލަސްލަހުން މަޑުމަޑުންނެވެ. ގިނަ ވަގުތު އަހަރެން އޮންނަނީ އެނދުގައި އޮށޯވެލައިގެންނެވެ. ރޯހިތެއް ނުވެއެވެ. ހަރަކާތް ހުސްވެފައި އަހަރެން އޮންނަނީއެވެ. އެނދުން ތެދުވުމުގެ އެއްވެސް ބޭނުމެއް ނުވިސްނެއެވެ. މީހަކާ ވާހަކަދެއްކިޔަސް ކުރާނެ ފައިދާއެއް ނެތެވެ. އަހަންނަށް ކަމެއް ވާކަން އެނގޭ މީހަކު ނެތެވެ. ހިތަށްއެރިއެވެ. ދިރިހުރުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟

އަމިއްލައަށް މަރުވާން އަހަރެން ވިސްނީމެވެ. މަރުވާކަށް ނޫޅެމެވެ. ދަންވަރުގެ އެންމެ ހަމަހިމޭން ވަގުތު އަހަރެން ލޯމަރައިލައިގެން އޮތަސް އެތެރެހަށީގައި އެއްފަހަރާ އެތައް ސަތޭކަ ކަމެއް ހިނގައެވެ. އަހަރެން ލައްވާ ހިތް ކުރުވަން ބޭނުންވާ ކަންތައް ހުސްނުވެއެވެ. ކަމެއް ކުރެވުނުކަމަށް ހިތް ގަބޫލުކުރަނީ އެ ކަމެއް އެތައް ފަހަރަކު ތަކުރާރުކޮށް ކުރުވުމުންނެވެ. ނުކޮށްފިއްޔާ އަދަބުދެއެވެ. ލޯ ހުޅުވައިގެން ހުއްޓައި ކަރަންޓު ސޮކެޓެއް ފެނުނަސް އެ ތަނުގައި ކަރަންޓުގައި ޖެހި މަންމަ މަރަށް ތެޅޭތަން ފެނެއެވެ. މޭޒެއްގެ ކަން ފެނިއްޖެއްޔާ ތިމާގެ ކޮންމެވެސް މީހަކު ކައްސައިލައިގެން އައިސް އެ ކަނުގައި ބޯޖެހިފައި ބޯ ފަޅައިގެންދާތަން ފެނެއެވެ. ލޭތައް މުޅި ތަނަށް ބުރައިގެންދާތަން ފެނެއެވެ. ލޯ މަރައިފިއްޔާ އިވޭ އަޑުތަކަށް ސަމާލުކަން ދެވެއެވެ. ތަނެއް ތޮރުފާ އަޑު އިވެންޏާ، އެ ބުރުމާގެ ކަށިން މީހަކަށް އަނިޔާ ލިބޭނެ އެންމެ އަނިޔާވެރި ގޮތަށް އަނިޔާ ލިބޭތަން ފެނެއެވެ. މަންމަ ނުވަތަ ބައްޕައަށެވެ. އެ މަންޒަރުތައް ނުބެލުމުގެ ބާރެއް އަހަންނަކަށް ނޯވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބެއް އޭރަކު ނޭނގެއެވެ. މައިންބަފައިންގެ ނަޒަރުގައި އަހަރެން އުޅެނީ އެ މީހުންގެ ސަމާލުކަން ހޯދާށެވެ. އެ ސަމާލުކަން އެ މީހުން ދިނެވެ. އަހަރެންނާ އެކުގައި ވަރަށް ގިނައިން ވަގުތު ހޭދަކުރިއެވެ. އެއްޗެހި ހޯދައިދިނެވެ. އަހަރެން އުފާވާނެހެން ހީވާ ކަހަލަ ތަންތަނަށް ގެންގޮސްދިނެވެ. އެއްވެސް ބަދަލެއް ނައެވެ. ސަތޭކަ ޕަސަންޓަށް ވުރެ ބޮޑަށް މީހަކަށް ސަމާލުކަންދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިންގެ ފަރާތުން އަހަންނަށް ސަތޭކަ ޕަސަންޓު ސަމާލުކަން ލިބުނެވެ. އެ އިން ކުރި ފައިދާއެއް ނެތެވެ. އަހަރެންނަކީ އެ މީހުން ނަމަވެސް އަހަރެން ވެސް ފޫހިވާނެއެވެ.

"ދެން އިތުރަށް މަންމަ ކޮންކަމެއް ކޮށްދޭންވީ ދަރިފުޅާ؟" މަންމަ ސުވާލުކުރިއެވެ.

"ނޭނގެ މަންމާ!" ދޭނެ އެހެން ޖަވާބެއް އަހަންނަކަށް ނޭނގެއެވެ.

"ދެން އެހެންވިއްޔާ ތި ގޮތަށް އުޅުން ހުއްޓާލަންވެއްޖެއްނު!" މަންމަ ވަރަށް ބާރަށް ބުންޏެވެ.

އަހަރެން ހިތަށްއެރިއެވެ. މަންމަ ރުޅިވެއްޖެއްޔާ ދެން އަހަރެންނަށް ކަމެއް ކޮށްދޭނެ މީހަކު ނުހުންނާނެއެވެ. އޭގެ ކުރިން އަހަރެން ޖެހޭނީ ގޮތެއް ހޯދާށެވެ. ވަރަށް ކެތް ކުރެވިއްޖެއެވެ. ހިތެވެ. ނޫނީ އަހަންނެވެ. އެކަކާ ނުލައި އަނެކަކަށް ނޫޅެވުނަސް، އެކަކު ޖެހޭނީ ދާށެވެ.

ނުނިމޭ