19 ޖޫން 2016 - 11:03

ޕެރިސް، ފްރާންސް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހެދި މެޗެވެ. އެހެން ނަމަވެސް މެޗުން މޮޅުވާން ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން ރޮނާލްޑޯ ހުރީ އެ ހިތާމައިގަ އެވެ.
ރޭގެ މެޗަކީ ރޮނާލްޑޯ ޕޯޗުގަލް އަށް ކުޅެދިން 128 ވަަނަ މެޗެވެ. ޕޯޗުގަލް ގައުމީ ޓީމަށް އެންމެ މެޗު ކުޅެދިނުމުގެ ރެކޯޑް ކުރިން އޮތީ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އަތުގަ އެވެ. ފީގޯ ރެކޯޑް ހެދީ 127 މެޗު ކުޅެގެންނެވެ.
އޮސްޓްރިއާއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި އައިސްލެންޑާ 1-1 އިން އެއްވަރުވީ އެވެ. ރޭގެ މެޗުން އޮސްޓްރިއާ އަތުން ޕޯޗުގަލް މޮޅުކޮށްދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ރޮނާލްޑޯ އަށެވެ. މެޗު ނިމެން 11 މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ އަށް ކާމިޔާބު ނުކުރެވުނެވެ. ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
"އަހަރެން މިހިރީ ވަރަށް ދެރަވެފައި. ބޭނުންވީ ރެކޯޑެއް ހަދާއިރު ލަނޑެއް ކާމިޔާބުކުރަން. އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަށް ވުމުން ލިބުނު އުފާ، އެންމެ ފުރިހަމަ އަށް ލިބޭގޮތެއް ނުވި،" މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ ގްރޫޕްގެ ފަހު މެޗުން މޮޅުވެ ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރޮނާލްޑޯގެ ޕެނަލްޓީއާ ގުޅޭގޮތުން މެޗަށް ފަހު ޕޯޗުގަލްގެ ކޯޗު ފަބިއޯ ސަންޓޯސްއާ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެ ކަމާ ގުޅޭގޮތުން ދޭނެ ޖަވާބެއް ނެތް ކަމަށެވެ.