ޕޮގްބާގެ ޓްރާންސްފާގެ މައްސަލައެއް ފީފާ އިން ތަހުގީގުކުރަނީ
ޕޮގްބާގެ ޓްރާންސްފާގެ މައްސަލައެއް ފީފާ އިން ތަހުގީގުކުރަނީ

ލަންޑަން (މެއި 10) – ދުނިޔޭގެ ރެކޯޑް އަގެއްގައި ޕައޮލް ޕޮގްބާ ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޓްރާންސްފާގެ މައްސަލައެއް ފީފާ އިން ތަހުގީގުކުރަން ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވަނީ މި ޓްރާންސްފާގެ ތަފްސީލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑަށް ލިޔެފަ އެވެ.

ފީފާ އިން ތަހުގީގުކުރަނީ ސީދާ ކޮން މައްސަލައެއްކަން ކަށަވަރެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ފީފާ އިން ބަލަނީ 105 މިލިއަން ޔޫރޯގެ މި ޓްރާންސްފާގެ މެދުވެރިއަކީ ކާކުތޯ އާއި އެފަރާތަށް ލިބުނީ ކިހާ އަދަދެއްތޯ އެވެ. މި ޓްރާންސްފާގައި ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އަށް ޔުނައިޓެޑުން ބޮޑު ފީއެއް ދެއްކި ކަމަށް ވާހަކަތައް ދެކެވެ އެވެ. ރައިއޯލާ އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފުޓްބޯޅަ އޭޖެންޓެވެ.

ޔުނައިޓެޑުގެ އޮފިޝަލަކު ބުނީ ވަކިވަކި ކުޅުންތެރިންގެ ކޮންޓްރެކްޓްތަކާ ބެހޭގޮތުން އެ ކްލަބުން ވާހަކަނުދައްކާނެ ކަމަށާއި މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓްރާންސްފާގެ ކަންތައް ނިމުނީއްސުރެ ފީފާގައި އޭގެ ލިޔެކިޔުންތައް ހުންނާނެ ކަމަށެވެ.

ޔުނައިޓެޑުގެ ޔޫތު ޓީމުން ތަމްރީންވި ޕޮގްބާ އަކީ 1.5 މިލިއަން ޕައުންޑަށް 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ކުޅުންތެރިއެކެވެ. އެ ކްލަބުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ޔުނައިޓެޑުން އޭނާ އަލުން ގަތީ އެވެ.

ޔުނައިޓެޑާއި ޔުވެންޓަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިމަގުގައި ވެސް ޔުވެންޓަސް އަށް ފައިދާ ލިބޭނެ އެވެ. އެގޮތުން ޕާފޯމަންސްއާ ގުޅުން ހުރި ބޯނަސްތަކުގެ ގޮތުގައި އިތުރު 5 މިލިއަން ޔޫރޯ އަދި ޕޮގްބާ ކޮންޓްރެކްޓް އާކޮށްފި ނަމަ 5 މިލިއަން ޔޫރޯ ޔުވެންޓަސް އަށް ދޭން ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ.