10 މެއި 2017 - 07:45

މިލާން (މެއި 10) – ސީޒަން ނިމެން ބާކީ ތިން މެޗު އޮއްވާ އިންޓަ މިލާނުން ކޯޗު ސްޓެފާނޯ ޕިއޯލީ މަގާމުން ވަކިކޮށްފި އެވެ.
މިދިޔަ ނޮވެމްބަރު މަހު އިންޓަގެ ކޯޗުކަމާ ޕިއޯލީ ހަވާލުވީ ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާއާ އެކު އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުންނެވެ. ޕިއޯލީ ހަވާލުވެ އިންޓަގެ ފޯމް ރަނގަޅުކުރި ނަމަވެސް ފަހަކަށް އައިސް ނަތީޖާތައް ދަށްވެ، މޮޅެއް ނުލިބި ހަތް މެޗު ވަނީ ގޮސްފަ އެވެ. ތާވަލުގެ ހަތް ވަނައިގައި އޮތްއިރު އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގެ ޖާގައެއް ލިބުމުގެ ފުރުސަތު ކުޑަ އެވެ.
ބާކީ ތިން މެޗުގައި އިންޓަ އަށް ކޯޗުކޮށްދޭނީ ޔޫތު ޓީމުގެ ކޯޗު ސްޓެފާނޯ ވެޗީ އެވެ.
އިންޓަ އަށް 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ހޯސޭ މޮރީނިއޯ ވަކިވި ފަހުން އެ ޓީމަށް މިވަނީ ނުވަ ކޯޗުން ގެނެސްފަ އެވެ. އެ ޓީމުން މިހާރު މަސައްކަތްކުރަނީ އަންނަ ސީޒަނަށް ކުރީގެ ކުޅުންތެރިޔާ ޑިއޭގޯ ސިމިއޯނީ ނުވަތަ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނާށެވެ. ތިން ވަނަ އޮޕްޝަނަކީ ރޯމާގެ މިހާރުގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޗައިނާގެ ކުންފުންޏަކުން ހިންގާ އިންޓަ އިން މި ސީޒަނަށް ބޮޑު އަގުގައި މަޝްހޫރު ކުޅުންތެރިން ގެނައި ނަމަވެސް ޖުމްލަކޮށް ސީޒަނުގައި ނަތީޖާތައް ވަރަށް ދަށެވެ.