10 މެއި 2017 - 07:33

އެމްސްޓެޑަމް (މެއި 10) – ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޑިކް އެޑްވޮކާޓް ހަމަޖައްސައި އޭނާގެ އެހީތެރިއަކަށް 1988 ގެ ޔޫރޯ ކާމިޔާބުކޮށްދިން ކެޕްޓަން ރުޑް ހުލިޓް ހަމަޖައްސައިފި އެވެ.
ނެދަލެންޑްސްގެ ކޯޗުގެ މަގާމް 1992-1994 އަށް އަދި 2002-2004 އަށް ކުރިން އެޑްވޮކާޓް ތިން ވަނަ ފަހަރަށް ހަވާލުވީ ޓީމުގެ ކަންކަން ބޮއްސުންލާފައިވަނިކޮށެވެ. މިދިޔަ އަހަރުގެ ޔޫރޯ އަށް އެ ޓީމު ކޮލިފައިނުވިއިރު، ވޯލްޑް ކަޕް ކޮލިފައިންގައި އޮތީ ވެސް ރަނގަޅު މަގާމެއްގައެއް ނޫނެވެ. ކުރީގެ ކޯޗު އަދި އެޑްވޮކާޓުގެ ކޯޗުކަމުގެ ދަށުން 1994 ގެ ވޯލްޑް ކަޕުގައި ނެދަލެންޑްސް އަށް ކުޅުނު ޑެނީ ބްލިންޑް ވަކިކުރީ ބަލްގޭރިއާ އަތުން 2-0 އިން ބަލިވި މެޗަށް ފަހު އެވެ.
ކޯޗިން އަށް 1980 ވަނަ އަހަރު ވަން އެޑްވޮކާޓް ވަނީ މަޝްހޫރު ރިނޭސް މިކޭލްސްގެ އެސިސްޓަންޓަކަށް ވެސް ނެދަލެންޑްސްގައި މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ދެކުނު ކޮރެއާ އާއި ބެލްޖިއަމް އަދި ރަޝިއާ އަށް ކޯޗުކޮށްދިނެވެ. ކްލަބް ލެވެލްގައި ނެދަލެންޑްސްގެ ޕީއެސްވީ އާއި ސްކޮޓްލެންޑުގެ ރޭންޖާސް އަދި ރަޝިއާގެ ޒެނިތަށް ކާމިޔާބީތައް ހޯދައިދިނެވެ.
އޭނާގެ އެސިސްޓަންޓް ހުލިޓަކީ ނެދަލެންޑްސްގެ އެންމެ ކާމިޔާބު އެއް ކެޕްޓަނެވެ. ނެދަލެންޑްސް އަށް 1981 އިން 1994 އަށް ކުޅުނު ހުލިޓް ވަނީ ޗެލްސީ އަށް 1997 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން ނިއުކާސަލް ޔުނައިޓެޑާއި ފެޔަނޫޑާއި އެލްއޭ ގެލެކްސީ އަށް ކޯޗުކޮށްދިން ނަމަވެސް އޭނާގެ ކޯޗިން ކެރިއަރު ކާމިޔާބެއް ނޫނެވެ.