ރަައީސް ޔާމީންގެ މައްޗަށް ވެސް ޝަރީއަތް ހިންގާ މަންޒަރު ފެންނާނެ: އަމީން
ރަައީސް ޔާމީންގެ މައްޗަށް ވެސް ޝަރީއަތް ހިންގާ މަންޒަރު ފެންނާނެ: އަމީން

ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައީސް އަބްދުﷲ ޔާމީން އަމަލު ކުރައްވާފައިވާ ނަމަ އެ މަނިކުފާނުގެ މައްޗަށް ވެސް ރާއްޖޭގައި ޝަރީއަތް ހިންގާ މަންޒަރު ފެންނާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އެއްވެސް މީހަކަށް ލާއިންސާނީ އަދަބު ނުދެވޭނެ ކަމަށް ގާނޫނު އަސާސީގެ 54 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.

"އެއީ ގާސިމް އިބްރާހިމް ކަމަށް ވިޔަސް އެހެން ކުށްވެރިއެއް ކަމަށް ވިޔަސް، ސިޔާސީ ކުށްވެރިއެއް ކަމަށް ވިޔަސް އާއްމު ރައްޔިތެއް ކަމަށް ވިޔަސް، ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި އޮތީ 54 ވަނަ މާއްދާގައި ލާ އިންސާނީ އަދަބު އެއްވެސް މީހަކަށް ދެވިގެން ނުވާނެ ކަމަށް. އެއްވެސް މީހަކަށް ރަހުމް ކުޑަ ލާއިންސާނީ އިހާނާތްތެރި ކަމެއް ކޮށްގެން ނުވާނޭ. އަދި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނޭ. އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވާނޭ،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ގާނޫނުތައް ހަދާފައި ވަނީ މީހުން އިސްލާހު ކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރުން އިހުތިޔާރު ކުރަނީ މީހުން ބަންދުކޮށްފައި ބަހައްޓަން ކަމަށްވާ ނަމަ އެ އަނިޔާގައި އެކި މިންވަރަށް ޝާމިލްވެވަޑައިގެންނެވި ފަރާތްތަކުން ޒިންމާވެވަޑައިގަންނަވާން ޖެހޭނެ ކަމަށެވެ.

"އެއީ ވަކި ފަރުދަކު ވިޔަސް، އެއީ ފުލުހެއް ކަމަށް ވިޔަސް، އެއީ ވަކީލަކު ކަމަށް ވިޔަސް، އެއީ އެހެން މީހެއް ކަމަށް ވިޔަސް، ރައީސަކު ކަމަށް ވިޔަސް އެކަމުގައި ޒިންމާވެވަޑައިގަންނަވަން ޖެހޭނެ. އެހެންވީމަ މި ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގައި ގާނޫނު އަސާސީއާ ހިލާފަށް ކުރި ކަންތައްތަކަކީ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިވާ މިންވަރަކުން ޒިންމާވެވަޑައިގަންނަވާ ކަންތައްތަކެއް ކަމުގައިވާ ނަމަ އަޅުގަނޑުމެން އަދި ދެކޭނެ ރައީސް ޔާމީންގެ މައްޗަށް މި ރާއްޖޭގައި ޝަރީއަތް ހިންގޭ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ގާނޫނު އަސާސީ ލިޔެފައި ވަނީ ރައްޔިތުންގެ ހައްގުތައް ވަރަށް ބޮޑަށް ހިމާޔަތްކުރެވޭ ގޮތަށް ބަލައިގެން ކަމަށެވެ. އަދި މީހުންނަށް އަދަބު ދިނުމާއި މީހުން ކުށްވެރިކުރުމާއި މީހުން ކުރެވޭ ކަންތައްތަކުގެ ޒަރީއާއިން ވެސް ދިފާއުވުމުގެ ފުރުސަތާއި ރައްކާތެރިކަން ލިބޭނެ ވަރަށް ގިނަ ކަންތައްތައް އެ ގާނޫނު އަސާސީގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަންތައްތަކާ މެދު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއެއް ނޫން އެކިއެކި މަރުހަލާތަކުގައި ތިއްބެވި ޒިންމާދާރު ބޭފުޅުން ވެސް މިކަންކަމާމެދު ވިސްނަވަން ޖެހޭނެ. ކުރިން މިފަދަ ކަންތައްތައް ކުރެއްވި ބޭބޭފުޅުން ފަރުދީގޮތުން ޒިންމާވެވަޑައިގަންނަވަން ޖެހުނު. އަދި ކުރިން މިފަދަ ކަންތައްތައް ކުރެއްވި ބޭފުޅުން އެކި މަރުހަލާތަކުގައި އެ ބޭފުޅުން ޒިންމާކުރުވުމަށްޓަކައި މަސައްކަތްކުރުމަށް މިއަދު ތިއްބެވި ބޭފުޅުން ވެސް ދެކެވަޑައިގަންނަވަން ޖެހޭނެ، ގަބޫލުފުޅުކުރައްވަން ޖެހޭނެ ތިމަންނަމެންނާ ވެސް އަރާ މި ގާނޫނު އަސާސީ ހަމަކުރާނެކަން،" އަމީން ވިދާޅުވި އެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީނާއި މެޑަމް ފާތުމަތު އިބްރާހިމް އަދި ނައިބު ރައީސާއި މަޖިލީހުގެ ރައީސާއި ޕާލަމެންޓްރީ ގްރޫޕްގެ ރައީސާއި މަޖިލީހުގެ މެމްބަރުގެ މެމްބަރުންގެ ތެރެއިން އަޑުހަރުކޮށް ވާހަކަދައްކަވާ ބޭފުޅުން ކެމްޕޭން ކުރެއްވި ތަންތަނުން ފެއިލްވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފެއިލްވި މައިގަނޑު ސަބަބަކީ އަދުލު އިންސާފާއި އިހުލާސްތެރިކަން ނެތުމުން ކަމަށް އަމީން ވިދާޅުވި އެވެ.