09 މެއި 2017 - 19:45

މޯލްޑިވްސް ޕެންޝަން އޮފީހުން އަންނަ ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސް ގައި ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2017" ގެ މެއިން ޕާޓްނަރަކަށް އެލައިޑް އިންޝުރެންސް ހަމަޖައްސައި، އެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެލައިޑް އިންޝުއަރެންސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕެންޝަން އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ. އަދި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އަމީލެވެ.
މިފޯރަމަކީ ދިވެހިރާއްޖޭގެ ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތައް އަދި ސަރުކާރު މުއައްސަސާތައް ހިމަނައިގެން ކުރިއަށް ގެންދާ ފޯރަމެއް ކަމަށް އެލައިޑުން ބުންޏެވެ. އަދި މި ފޯރަމްގައި ރާއްޖޭގެ ފައިނޭންސް ދާއިރާގައި ހުރި ދަތިތަކާއި އެ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެލައިޑްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވަނީ މިފޯރަމް ކާމިޔާބުކުރުމަށް އެލައިޑްގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.